17 Jul 2015, 12:37
މިމަހު 24 ވަނަ ދުވަހު ލިވަޕޫލްއާ ދެކޮޅަށް މެލޭޝިއާ އޯލްސްޓާ އިން ކުޅޭ މެޗުގައި ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އަށް އިންޖަރީގެ ސަބަބުން ނުކުޅެވޭނެ ކަމަށް އޭނާ ބުނެފިއެވެ.
ދަގަނޑޭގެ ރަސްމީ ފޭސްބުކްޕޭޖްގައި ބުނެފައިވާ ގޮތުން އަންނަ ހުކުރު ދުވަހު ލިވަޕޫލްއާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ އެކުވެރި ކަމުގެ މެޗުގައި އޭނާ އަށް ނުކުޅެވެނީ ފުންނާބަށް ލިބުނު އަނިޔާއެއްގެ ސަބަބުންނެވެ. އެ އަނިޔާ ލިބިފައިވަނީ މާލޭގައި އޮތް ޓްރެއިނިން ސެޝަނެއްގެ ތެރެއިން ކަމަށްވެސް ދަގަނޑޭ ބުންޏެވެ.
ދަނގަޑޭ ވަނީ މެލޭޝިއާގެ ޓީމެއްގައި ހިމެނިގެން މިއަހަރުގެ މެއި މަހުގެ 27 ވަނަ ދުވަހު އިނގިރޭސިވިލާތުގެ ޓޮޓެންހަމްހޮސްޕާއާ ދެކޮޅަށް ވެސް ކުޅެފައެވެ.
ލިވަޕޫލުން އޭޝިއާއަށް މިކުރާ ދަތުރުގައި މޭލޭޝިއާގެ އިތުރުން ތައިލެންޑާ އޮސްޓްރޭލިއަވެސް އައުމަށް ވަނީ ހަމަޖެހިފައެވެ.
ލިވަޕޫލުން ވަނީ އޭޝިއާއަށް ކުރާ ދަތުރުގައި 30 ކުޅުންތެރިންގެ ސްކޮޑެއް ހިމަނާފައެވެ. އެލިސްޓްގައި ކުރިން ރަހީމް ސްޓާލިންގެ ނަން ހިމަނާފައިވާއިރު މިހާރު އޭނާ ވަނީ ލިވަޕޫލް ދޫކޮށް މެންޗެސްޓާ ސިޓީއަށް ބަދަލުވެފައެވެ.
އެޓީމާ އަލަށް ގުޅުނު ރޮބާޓޯ ފާމިނޯ އާއި މިހާރުވެސް ލިވަޕޫލަށް ކުޅެމުންގެންދާ ކްޓީނިއޯވެސް އެޝިއާއަށް ކުރާ ދަތުރަށް ކަނޑައަޅާފައިވާ ސްކޮޑުގައި ނުހިމެނެއެވެ. އެ ދެ ކުޅުންތެރިންނަކީ ކޮޕާއެމެރިކާގައި ބްރެޒިލްގެ ޓީމުގައި ކުޅެފައިވާ ދެ ކުޅުންތެރިއެކެވެ.