ސުލްހައިގެ ވާހަތަކަށް ތާއީދު ކުރެއްވީތީ ތާލިބާނުންގެ ވެރިޔާ މުއްލާ މުޙައްމަދު އުމަރަށް އަފްޣާނިސްތާނުގެ ރައީސް އަޝްރަފް ޢަބުދުލް ޣަނީ ޝުކުރު އަދާކުރައްވައިފިއެވެ.

އެސޯސިއޭޓެޑް ޕްރެސް ( އޭޕީ) ބުނީ އަފްޣާނިސްތާނުގައި ހިނގަމުންދާ ލޭ އޮހޮރުވުމަށް ނިމުމެއް ގެނެވޭނެ ހަމަ އެކަނި ގޮތަކީ ތާލިބާނުންނާ ވާހަކަ ދެއްކުން ކަމަށް އަޝްރަފް މިއަދު ވިދާޅުވި ކަމަށެވެ.

އޭނާ މިހެން ވިދާޅުވީ ފިތުރު އީދު ނަމާދަށް ފަހު ރިޔާސީ ގަނޑުވަރުގައި ހުންނަވައިގެން ގައުމާ މުޚާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

" ސުލްހައިގެ ވާހަކަތަކުގައި ބައިވެރިވާން ތާލިބާނުން ބޭނުން ވުމަކީ މުހިންމު ކަމެއް،" އަޝްރަފް ވިދާޅުވި ކަމަށް އޭޕީގެ ޚަބަރުގައި ވެއެވެ.

ފިތުރު އީދާ ގުޅިގެން ތާލިބާނުންގެ ރަސްމީ ވެބްސައިޓްގައި އާއްމު ކުރި މުއްލާ ޢުމަރުގެ މެސެޖްގައި ވަނީ ސުލްހައިގެ ވާހަކަ ދެއްކުމަކީ ރަނގަޅު ކަމެއް ކަމަށް ގަބޫލުކުރާ ކަމަށެވެ.

ތާލިބާނުންނާއި އަފްޣާނިސްތާނު ސަރުކާރާ ދެމެދު މިމަހުގެ ކުރީ ކޮޅު ޕާކިސްތާނުގައި ވަނީ ވާހަތައް ބާއްވާފައެވެ. އެ ވާހަކަތައް ކުރިއަށް ގެންދިޔައީ އެމެރިކާ އާއި ޗައިނާގެ މަންދޫބުންގެ ބެލުމުގެ ދަށުންނެވެ.