ޏ. ފުވައްމުލަކު ދަނޑިމަގު އަވަށު "ނެރެގަނޑެ" ސަރަހައްދުގައި އޮތް ދޯންޏެއްގެ ބައެއް އަނދައި ހުލިވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ ހާދިސާ ހިނގި ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިރޭ 11:38 އެހާކަންހާއިރު ކަމަށާއި ފުލުހުންނާއި ސިފައިން ގުޅިގެން ކުރި މަސައްކަތުން އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ.

ޏ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް ޙުސައިން ޝާފީ އިބްރާހީމް މިރޭ ސަން އަށް ވިދާޅުވީ އަލިފާން ރޯކޮށްލާފައި ވަނީ، ފުވައްމުލަކުގައި ދާދި ފަހުން ބިންދައިގެން ދިޔުމުގެ ސަބަބުން އެއްގަމަށް އަރުވާފައި އޮތް ދޯނީގެބައެއް ކަމަށެވެ.

އެއީ މުޅިން ފައިބަރުން ހަދާފަައިވާ ދޯންޏެއް ކަމަށާއި ބެލެވޭގޮތުގައި އެ ދޯނީގައި ބަޔަކު އަލިފާން ރޯކޮށްލީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަށް 90 ޕަސެންޓު ޔަގީން އެއީ ބަޔަކު ގަސްދުގައި އެ ދޯނީގައި އަލިފާން ރޯކޮށްލީކަން،" ޝާފީ ވިދާޅުވި އެވެ.

"ނެރެގަނޑެ" ސަރަހައްދަކީ އޮޑިފަހަރު ބަންނަ ހަރުގެއެއްވެސް ހުންނަ ސަރަހައްދެކެވެ.