އައްޑޫ ސިޓީގެ މަރަދޫ ބަނދަރުގައި އޮތް ދޯންޏެއްގައި ރޯވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ސަން އަށް ވިދާޅުވީ އެ ދޯނީގައި އަލިފާން ރޯވިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިރޭ 12:40 އެހާކަންހާއިރު ކަމަށާއި އަލިފާން ނިއްވުމުގައި ފުލުހުންނާއި ސިފައިން ހަރަކާތްތެރިވެފައިވާނެ ކަމަށެވެ.

މަރަދޫން ވާހަކަދެއްކި މީހަކު ބުނީ ފުލުހުންނާއި ސިފައިންގެ އިތުރުން އެރަށުގެ ރައްޔިތުންގެ ތެރެއިން ބަޔަކާއި އެރަށު ދޯނިފަހަރުތަކުގައި އުޅޭ މީހުން ގުޅިގެން ކުރި މަސައްކަތުން ހާދިސާ ހިނގިތާ 20 ވަރަކަށް މިނެޓު ތެރޭގައި އަލިފާން ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ.

އެ ހާދިސާގައި އެ ދޯނި ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާފައެވެ. މަންޒަރު ދުށް މީހުންނާ ހަވާލާދީ އެރަށުން ވާހަކަދެއްކި މީހަކު ބުނީ އަލިފާން ރޯވުމުގެ ކުރިން ދޯނިން ގޭސްފުޅިއެއް ފާޑުގެ އެއްޗެއް ގޮވިއަޑު އިވުނު ކަމަށެވެ.

"މަންޒަރު ދުށް މީހުން ބުނަނީ އަލިފާން ރޯވުމުގެ ކުރިން އެ ދޯނިން ގޭސްފުޅިއެއް ފާޑުގެ އެއްޗެއް ގޮވިއަޑު އިވުނު ކަމަށް. އެހެންވީމަ ބޮޑަށް ބެލެވެނީ ދޯނިން އެއްޗެއް ގޮވުމުގެ ސަބަބަބުން ކަމަށް އަލިފާންރޯވީ. މިއީ ގަސްދުގައި ބަޔަކު ކުރި ކަމެއް ކަމަށް އަދި ނުބެލެވޭ،" މަރަދޫން ވާހަކަދެއްކި މީހާ ބުންޏެވެ.

މަރަދޫ ބަނދަރުގައި އޮތް ދޯންޏެއްގައި ރޯވެފައި --- ސަން ފޮޓޯ: އަފީފު