08 Mar 2011, 12:32
އދ. ދަނގެތީ ހެލްތު ސެންޓަރުގެ ތިޖޫރީ 78000ރ. އާ އެކު ވަގަށް ނަގައިގެން ގޮސް އެ ރަށު ތުނޑީގައި ވަޅުލާފައި އޮއްވައި ފުލުހުން ހޯދައިފި އެވެ.
ފުލުހުން ބުނީ ދަނގެތީ ހެލްތު ސެންޓަރުގެ ތިޖޫރީ ވަގަށް ނެގި ކަމަށް އިއްޔެ މެދުރު ފަހު ފުލުހުންނަށް ހުށަހެޅުމާ އެކު އެ ރަށުގައި ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގައި ފައިސާއާ އެކު ތިޖޫރީ ތުނޑީގައި ވަޅުލާފައި އޮއްވައި ފެނުނީ އިއްޔެ ހަވީރު 5 ޖަހާ އެހާކަންހާއިރު ކަމަށެވެ.
ތިޖޫރީ ފެނުނު އިރު 78000 ރ. އަށް ވުރެ ގިނަ ރުފިޔާ އާއި 16 ޑޮލަރާއި 2،000 ރުފިޔާގެ ޗެކެއް އޮތް ކަމަށާއި އެ މައްސަލައާ ގުޅިގެން އެއްވެސް މީހަކު އަދި މިހާތަނަށް ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
ދަނގެތީ ހެލްތު ސެންޓަރުގެ އޮފިޝަލަކު ވިދާޅުވީ ތިޖޫރީ ވަގަށް ނަގާފައި ވަނީ މިދިޔަ އާދީއްތަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ކަމަށާއި އެ މައްސަލައާ ގުޅިގެން ހެލްތު ސެންޓަރުގެ ބައެއް މުވައްޒަފުންނާ ފުލުހުން ސުވާލުކޮށްފައިވާ ކަމަށެވެ. ނަމަވެސް ތިޖޫރީ ވަގަށް ނަގާފައި ވަނީ ކޮންބައެއް ކަމެއް އަދި މިހާތަނަށް ނޭނގޭ ކަމަށް ދަނގެތީ ހެލްތު ސެންޓަރުގެ އޮސޮފިޝަލަކު ވެސް ވިދާޅުވި އެވެ.