އީދު ނަމާދަށް ދިއުމަށް ގެއިން ނުކުތުމާހަމައިން ފެށިގެން މިސްކިތާ ހަމައަށް ދެވެންދެން ވެސް އޮންނަނީ ކޮނޑާކޮނޑު ޖައްސައި ސަލާމް ގަލާމްކުރުމާ އެކަކު އަނެކަކަށް ހެޔޮ ބަސް ބުނުމެވެ. އީދު ނަމާދަށް ފަހު ވެސް ހިނިތުންވުމާ އެކު އެކަން ތަކުރާރު ކުރެ އެވެ. އެއަށް ފަހު ދެން މިސްރާބް ޖަހަނީ އެއްގެއިން އަނެއް ގެއަށް ސަޔަށް ދިއުމަށެވެ. ރަށުގެ ކޮންމެ ގެއަކުން ވެސް ކޮންމެ ރައްޔިތަކަށް ވެސް މަރުހަބާ ކިޔަނީ އުފާވެރިކަމާއި ހިނިތުން ވުމާއެކުވެ އެވެ.

"އެއް ގެއިން އަނެއް ގެއަށް އެގޮތަށް ހުރިހާ ގެއަކަށް ދާނެ. ގޭގޭގައި މޭޒު މަތީ ހަދާފައި ހުންނާނެ، ބޮނޑި އާއި ކާއްޓާއި މަހާއި ބޯކިބަލާ ތަރަފަނަ ކަހަލަ ތަކެތި. އެއްގެއިން އަނެއް ގެއަށް ތަކެތި ދީވެސް ހަދާނެ،" ހއ. މޮޅަދޫގައި އީދުގެ ސައިގެ ވާހަކަ ހިއްސާ ކުރަމުން ފާތުމަތު ހަސަން، 53 ބުންޏެވެ.

އީދު ދުވަހު މެންދުރު ނަމާދުން މީހުން ފައިބާއިރު އަންހެންވެރިން ތިބޭނީ މަގުތަކަށް ނުކުމެ އެވެ. އެގެއަށް ކާން ގެންދަން މީހުން ހޯދުމަށެވެ. އެގޮތަށް އެތައް ބަޔަކު ގެނެސް އެގެއަކުން ކާންދީ ހަދަ އެވެ. ގޭގޭގައި އީދު ކެއުން ކައްކަނީ އެގެއެއްގެ އެންމެނަށް ވާވަރަށާއި އަދި އަވައްޓެރިންނަށް ހަދިޔާ ކުރާ ގޮތަށެވެ. އީދު ދުވަހު އެއްގެއިން އަނެއް ގެއަށް ތަށިބަރި ހަދިޔާ ކުރުމަކީ ވެސް އޭރުގެ ރީތި އާދައެކެވެ.

ދިވެހި ކެއުންތަކެއް ތައްޔާރުކޮށްފައި --- ފައިލް ފޮޓޯ

"މެންދުރު މީހުންނަށް ކާން ގޮވާނެ. ރަށުގައި އެކި މަގުމަގުން ހިނގައިގެން ވެސް މީހުން ހޯދާނެ. ހަމަ ފެނުނު ކޮންމެ މީހަކު ގެނެސް ކާން ދޭނެ،" ފާތުމަތު އޭރުގެ ހަދާންތައް ކިޔައިދެމުން ބުންޏެވެ.

އެއީ މީގެ ޒަމާންތަކެއް ކުރިން ރާއްޖޭގެ ކޮންމެ ރަށަކުންވެސް ފެންނަ އާދައެކެވެ. އީދުގެ އުފަލަކީ މުޅި ރަށް އެއްބައިވަންތަކުރުވާ އުފަލެކެވެ. އެކަކު އަނެކަކަށް ސަލާން ގަލާންކޮށް އުފާވެރި ކަން ހިއްސާކުރާ ދުވަހު އެވެ. އެއްގެއެއްގެ ސުފުރާމަތީ ކެއުންތައް އަނެއްގެއާއި ހިއްސާ ކުރެއެވެ. އެކަމުގައި މުޅި ރަށް ޝާމިލްވެ އެވެ. އަދިވެސް އެގޮތަށް އަމަލުކުރާ ރަށްރަށް ހުރި ނަމަވެސް ގިނަ ރަށްރަށުން އެވަނީ އެރީތި އާދަތަކާއި ސަގާފަތް ނެތިދާން ފަށައިފަ އެވެ.

ކުރިއާއި އަޅައިބަލާއިރު އީދުގެ ކެއުންތައް އަވައްޓެރިންނާއި ހިއްސާ ކުރުން ވެސް މިހާރު މިވަނީ މަދުވާން ފަށާފަ އެވެ. ހަދިޔާ ކުރިޔަސް ކުރާތަން ގިނައިން ފެންނަނީ ހަމައެކަނި އާއިލާ މީހުންނަށެވެ. ނަމަވެސް ކުރީ ޒަމާނުގައި އޮންނަ އުސޫލުގެ މަތިން ގިނަ ބަޔަކަށް ހަދިޔާ ބަދަލު ކުރުމަކީ އިސްލާމްދީން ބާރު އަޅާ ކަމެކެވެ.

އައްޝެއިހު އިބްރާހިމް އަހުމަދު ވިދާޅުވީ، އީދުގެ އުފަލުގައި އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިވުމާއި ހަދިޔާ ބަދަލުކުރުމަކީ އިސްލާމް ދީނުގެ ރީތި އާދައެއް ކަމަށްވާއިރު އިސްލާމީ ބޮޑެތި ގައުމުތަކުގައި އެކަން އެގޮތަށް ކުރަމުން އަންނަ ކަމަށެވެ.

"ދީނުގައި މިއޮންނަނީ މީރު އެއްޗެއް ކައްކަންޏާ އޭގެ ވަސްދުވާ ހިސާބުގައި އުޅޭ އެންމެނަށްވެސް ދޭން. އެ އުސޫލް އަޅުގަނޑުމެންގެ ކާބަފައިން ހުރީ ތަރައްގީކޮށް އެކަން ކޮށްފައި. މިއަދު އަޅުގަނޑުމެންނަށް މިފެންނަނީ އޭގެ އަނެއްކޮޅު. މިއީ އާލާ ކުރަން ޖެހޭ ކަންކަން،" ޝެއިހް އިބްރާހިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އީދު ނަމާދަށް ދާ މަގު ނޫން އަނެއް މަގުން އައުމަށްވެސް އިސްލާމްދީނުގައި އަންގާފައިވަނީ ގިނަ ބަޔަކާއި ދިމާވެ ގުޅުން ބަދަހި ކުރުމަށް ކަމަށެވެ.

އެސަގާފަތަށް ބަދަލު އައުމުގެ އެތައް ސަބަބެއް ހިމެނެ އެވެ. އޭގެ އެއް ސަބަބަކީ ފުދުންތެރިކަމެވެ. އެޒަމާނުގައި އަވައްޓެރި އެންމެން އުޅެނީ އެއްގެއިން އަނެއްގެއިން ކަންކަން ހިއްސާކޮށްގެންނެވެ. އޭރުގެ ދިރިއުޅުން އޮންނަނީ އެކަކު އަނެކަކަށް އެހީތެރިވާ މާހައުލެއްގައެވެ. ނަމަވެސް މިއަދު މިޒަމާނުގައި ގޭގޭ އިންފާރުތައް މައްޗަށް ނެގި ދޮރާށިތައް ތަޅުލެވުމުން އެގުޅުމަށް އެވަނީ ހީނަރުކަން އަންނަން ފަށާފަ އެވެ. އެއާއެކު ސިޔާސީ ވިސްނުމުގެ އަސަރުވެސް ކޮންމެވެސް ވަރަކަށް އެބަކުރެ އެވެ.

ދިރިއުޅުމަށް އެއައި ބަދަލުތަކާއެކު އީދާއި ގުޅޭގޮތުން އުފެދޭ އުފާވެރިކަން ވެސް މިވަނީ ފަޑުވާން ފަށާފަ އެވެ. އީދުގެ ތަހުނިޔާތައް ސޯޝަލް މީޑިއާ މެދުވެރިކޮށް އަރިސް ކުރުމަށް ފޯރިހުރިޔަސް އީދު ފާހަގަ ކުރުމުގައި ކުރިން އެހުންނަ ފޯރިއެއް ނުހުރެ އެވެ.

"އޭރު އީދު ވިލޭރޭގެ އިހުސާސް މީހުން ކުރަނީ ވަރަށް ބަރަކާތްތެރި ހުރުމަތްތެރި ރޫހާނީ އަސަރުތަކެއް ލިބިދޭ ރެއެއްގެ ގޮތުގައި. އެކަކު އަނެކަކާއި ސަލާންކޮށް، ހެޔޮ ބަސްތައް ރައްދުކޮށް، އެއްގެއިން އަނެއް ގެއަށް ހަދިޔާ ބަދަލުކޮށް، ކުޑަކުދިން ލައްވައި އެއްގެއިން އަނެއްގެއަށް ހަދިޔާ ފޮނުވައިދީ. މިހާރު އެގޮތް ތަންކޮޅެއް ކުޑަހެން ހީވަނީ،" ތާރީހު ދިރާސާ ކުރާ އަދި އަދަބީ ދާއިރާގައި ހަރަކާތްތެރިވާ އާދަމް ނަސީރު އިބްރާހިމް ވިދާޅުވި އެވެ.

އޭރުގައި އީދުގެ ކުޅިވަރުތަކާއި މަޖާ ނެގުމަކީވެސް އެރަށެއްގައި އުޅޭ އެންމެން ޝާމިލްވެގެން ހިންގާގަންކަމެވެ. ދުވަސްވީ މީހުންގެ އިރުޝާދުގެ މަތިން އެކަންކަން ކުރަނީ ނޫކަށިފުރައިގެ ޒުވާނުންނެވެ. ލައްކަ ފޯރިއާއި ޖޯޝް ނަގައެވެ. ފިތުރު އީދަށްވުރެ ކުޅިވަރު ފޯރި ބޮޑީ އަޟްހާ އީދުގަ އެވެ.

ކުޅިވަރުތަކާއި ނަގާފޯރިއަށް ބަލާއިރު ވެސް އެކަން މިހާރު ފަޑުވެފައިވާ ސަބަބުތައް ގިނައެވެ. އެއް ކަމަކީ ދީނީ ހޭލުންތެރި ކަމެވެ. އެއާއެކު ދެ ޖިންސު މަަސްހުނިވެ ކުޅޭ ކޯޑި ނެގުން ފަދަ ކުޅިވަރުތަކާއި އެފަދަ "ނުކިއްސަރު" ކަންކަން ހުއްޓުމަކަށް އައުމެވެ.

އަނެއް ސަބަބަކަށް ބެލެވެނީ ފޯރިނަގާ އުމުރުގެ ޒުވާނުންނަށް އެފަދަ ކަންކަން ނޭނގުމެވެ. މީގެކުރިއަށް ބަލާއިރު އެރަށެއްގައި އުޅޭ މަދުބައެއް ފިޔަވައި އެހެން ފަރާތްތަކުން ރަށުގައި އުޅޭއިރު ކުޅިވަރުތައް ދަނީ ކާބަފައިންގެ ފަރާތުން ޒުވާނުންނަށް ދަސްވެ އެއްޖީލުން އަނެއް ޖީލަށް ވާސިލް ވަމުންނެވެ. ނަމަވެސް މިއަދުގެ ދިރިއުޅުމުގެ ވައްޓަފާޅި ހުރިގޮތުން ގިނަ ބަޔަކަށް ރަށުގައި ނޫޅެވުމުން އެފަދަ ކުޅިވަރުތަކާއި ސަގާފަތްތައް އެއްޖީލުން އަނެއް ޖީލަަށް ފޯރަން އެވަނީ ބޮޑެތި ހުރަސްތަކެއް އެޅިފައެވެ. އެހެންކަމުން މިއަދު އީދު ކުޅިވަރުތައް މިވަނީ ޒަމާނީ ކުޅިވަރުތަކަށް ބަދަލުވެފަ އެވެ.

"ބޮޑުމަސް ހެދުން، ކޯޑި ޖެހުން، ތާރަޖެހުން، ދަފިނެގުން، މިހާރު މުދައްރިސަކާއި ނުލައި އެކަން ނުވާނެ ޒުވާނުންނަކަށް. އެއީ މިހާރުގެ ދިރިއުޅުމަށް ބަލާއިރު އެއްޖީލުން އަނެއް ޖީލަށް އެކަންކަން ވާސިލް ނުވާތީ،" ސަގާފީ ކުޅިވަރުގައި ހަރަކާތްތެރިވާ ފަރާތަކުން ބުންޏެވެ.

ދިރިއުޅުމުގެ ވައްޓަފާޅިއަށް އައި ބަދަލާއެކު އީދުތަކުގެ ފޯރި މިވަނީ ދަށަށް ދާން ފަށައިފަ އެވެ. ކުރީގެ ބައެއް ކަންކަމަކީ ދޫކޮށްލަން ޖެހޭ ކަންކަންމެވެ. ނަމަވެސް ދެރައީ ރީތި އާދަތައް ވެސް މީގެ ތެރެއިން ދޫވެގެން ދާ ކަމެކެވެ. މިއީ އާލާކުރަންޖެހޭ ކަންކަމެވެ. އެކަން ކުރެވޭނީ ޒުވާނުންނާއި ހިއްސާ ކޮށްގެން އެމީހުންގެ ބައިވެރިވުން އިތުރުކޮށްގެންނެވެ. ބޮޑުބެރަށް ވާދަވެރިކަމެއް ގެނެސް އާލާކުރި ފަދައިން މިކަންކަން ވެސް ކުރަންޖެހެ އެވެ.