17 Jul 2015, 00:14
އީދަކީ ފަރުދަކަށް ނިސްބަތްވާ އީދެއްކަން ދޭހަވާ ގޮތަށް އީދު ކުޅިވަރުތަށް ކުޅެ އީދު އުފާ ފާހަގަ ނުކުރެވޭނެ ކަމަށް ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފި އެވެ.
އެ ރަށު ކޯޓުން އެގޮތަށް ހުކުމް ކުރީ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިންގެ ނަމުގައި ވިލިނގިލީގައި އީދު ފާހަގަ ކުރަން އުޅޭތީ، އެ ރަށު މީހަކު ކޯޓަށް ހުށަހެޅި މައްސަލައެއްގައި މިއަދު ޝަރީއަތް ހިންގުމަށްފަހު އެވެ.
ހުކުމާ ގުޅިގެން ސައުދު ހުސައިން 'ސަން' އަށް ވިދާޅުވީ އެހުކުމް ބަލައި ނުގަންނާނެ ކަމަށާއި ހުކުމް އިސްތިއުނާފު ކުރައްވާނެ ކަމަށެވެ. އަދި އެހުކުމަކީ ވަކި ފަރާތަކަށް ބުރަވެގެން ކޮށްފައިވާ ހުކުމެއް ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ސައުދު ވިދާޅުވި އެވެ.
ގއ ވިލިނގިލީ، އާހާޝް، އަމީޒް ހަސަން 'ސަން'އަށް މިއަދު ބުނީ މައްސަލަ ހުށަހެޅީ އެ ރަށުގެ އެކި ސަރަހައްދުތަކުގައި "އެމްޕީ އީދު އުފާ" އަދި "ސައުދު ހުސައިން އީދު އުފާ"ގެ ނަމުގައި ބެނާތަކެއް ހަރުކޮށް އީދަކީ ވަކި މީހަކަށް އަންނަ ވަކި މީހެއްގެ އީދެއްކަން ދޭހަވާ ގޮތަށް ބަޔަކު މަސައްކަތް ކުރަމުންދާތީ ކަމަށެވެ.
ދެ އަޑުއެހުމަކަށްފަހު ވިލިނގިލީ ކޯޓުގެ ގާޒީ އަހުމަދު ޝުކޫރު މިރޭ އިއްވި ހުކުމުގައި ބުނެފައި ވަނީ ވަކި ފަރުދަކަށް ނިސްބަތްވާ އީދެއްގެ ގޮތުގައި ނަން ދިނުމަކީ މުސްލިމު މުޖުތަމައުއެއްގެ މެދުގައި އޮއްނަން ޖެހޭ އުފާވެރިކަން ގެއްލޭނެ ކަމެއް ކަމަށެވެ.
އެގޮތަށް އެކަން ކުރުމުން މުސްލިމުން އާދަކޮށް ދެކެމުން އައި ގޮތަށް އަސަރު ކުރުވާ ކަމަށާއި އެހެން ކަމުން "އެމްޕީ އީދު އުފާ" އަދި "ސައުދު ހުސައިން އީދު އުފާ" މި ދެ އިބާރާތަކީ ބަދަލު ގެންނަންޖެހޭ އިބާރާތްތަކެއް ކަމަށް ޝަރީއަތަށް ގަބޫލުކުރެވޭ ކަމަށް ވެސް ހުކުމުގައިވެ އެވެ.
އެފަދަ އިބާރާތުން ލިޔެ ބެނާ ހަރުކުރުމުގެ ހުއްދަ ދީފައި ވަނީ ވިލިނގިލީ ކައުންސިލުން ކަމުން އެ ބެނާތަށް ނެގުމަށް އެ ރަށު ކޯޓުން ވަނީ ކައުންސިލުގެ މައްޗަށް އަމުރުކޮށްފަ އެވެ.
އެނގިފައިވާ ގޮތުގައި އެ ޝޯއަކީ މެންބަރު ސައުދު ސައިންގެ ހަރަދުގައި ކުރިއަށް ގެންދިއުމަށް ރާވާފައިވާ ޝޯ އެކެވެ. އެ ޝޯއަށް މަޝްހޫރު ފިލްމީތަރި އައިޝަތު ރިޝްމީ އަދި އަހުމަދު އަޒްމީލް (އަޒޭ) ވިލިނގިއްޔަށް ގެންދަން ވަނީ ރާވާފަ އެވެ. އަދި އެ ޝޯއަށް ދަންމާނު ބޮޑުބެރު ގުރޫޕު ވެސް އެ ރަށަށް ގެންދާނެ ކަމަށްވެ އެވެ.