މިނިވަން ފަންސާހަށް ޚާއްސަކޮށްގެން ދިވެހިރާއްޖޭގެ ޤައުމީ ދިފާއީ ބާރުން "ރަން ޔޫބީލް ލަވަ ސީޑީ" ގެ ނަމުގައި ޤައުމީ ލަވަ އަލްބަމެއް ނެރެފިއެވެ.

ފަސް ލަވައިގެ މައްޗަށް އެކުލެވޭ މި ގައުމީ ލަވަ ކަލެކްޝަން ސީޑީ ނެރެދެއްވީ މިރޭ ޓެލެވިޒަން މޯލްޑިވްސްގައި ލައިވްކޮށް އޮތް ޚާއްސަ ރަސްމިއްޔާތެއްގައި، ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަޙްމަދު ސަލީމް އެވެ.

އެ ޤައުމީ ލަވަސީޑީއަކީ ސިފައިންގެ އަމިއްލަ އުފެއްދުމެއްކަމަށްވެސް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.

އެ އަލްބަމްގެ ލަވަތަކަށް ކިޔުއްވާފައި ފަންނާނުންގެ ތެރޭގައި ރާއްޖޭގެ މަޝްހޫރު ފަންނާނުންނާއި ދިވެހި ސިފައިން ހިމެނޭ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.

ލަވަތަކުގެ ޅެން ހައްދަވާފައިވަނީ އާންމުންގެ ތެރެއިން މިކަމުގެ ފަންނުވެރި ބޭފުޅުންނާއި ދިވެހި ސިފައިން ކަމަށްވެސް އެމްއެންއެންޑީއެފުން ވަނީ ބުނެފަ އެވެ.

ލަވަތަކުގެ މިޔުޒިކާއި ރާގުތައް އެމްއެންޑީއެފް ބޭންޑު އެންޑް މިޔުޒިކް ވިންގުން ހަދާފައިވާއިރު،ލަވަތަކުގެ ވީޑިއޯ ތައްޔާރުކޮށްފައިވަނީ އެމްއެންޑީއެފް މީޑިއާ އެންޑް ޕަބްލިޝިންގ ސާރވިސްއިންނެވެ.

އެމްއެންޑީއެފުން ބުނީ "ރަން ޔޫބީލް ލަވަ ސީޑީ" ގެ ވީޑިއޯ ލަވަތައް މިހާރު އެމްއެންޑީއެފް ޔޫޓިއުބް ޗެނަލްއިން ފެނިވަޑައިގަންނަވާނެ ކަމަށާއި އޯޑިއޯ ލަވަތައް އެމްއެންޑީއެފް ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށެވެ.