16 Jul 2015, 21:23
މިއަދު ހަވީރު އައި ބާރުގަދަ ކޮޅިގަނޑެއްގައި ނައިފަރު މަދްރަސަތުލް އިފްތިތާހުގެ ފުރާޅުން ބައެއް އެއްލާލައިފި އެވެ.
ނައިފަރު ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ނޫރުﷲ އަބްދުﷲ މިއަދު ސަންއަށް ވިދާޅުވީ، ހަވީރު 4:00 އެހާކަންހާއިރު އައި ބާރުގަދަ ކޮޅިގަނޑެއްގައި އެރަށު ސްކޫލްގައި ހުންނަ ތިން ބައިގެ ތެރެއިން އެންމެ ދުވަސްވީ އިމާރާތުގެ ފުރާޅުން ބައެއް ވަޔާ އެއްލާލާފައިވާ ކަމަށެވެ.
"އެއީ ސްކޫލްގައި ހުރި އެންމެ ދުވަސްވީ ބައި. އެތަނުގައި ހުންނާނީ ސްކޫލްގެ މައި ހޯލް އަދި ކްލާސްރޫމެއް،" އެ ހާދިސާގައި އެއްވެސް މީހަކަށް އަދި އިތުރު މުދަލަކަށްވެސް ގެއްލުން ލިބިފައި ނުވާކަން ހާމަކުރައްވަމުން އޭނާ ވިދާޅުވި އެވެ.
ގަދަ ވަޔާއެކު މަދްރަސަތުލް އިފްތިތާހުގެ ފުރާޅުން ޓިނުތައް ނެއްޓިފައިވާ ބައި، ނައިފަރު ރައްޔިތުންނާއި އެރަށުގައި ހަރަކާތްތެރިވާ ފުލުހުންނާއި ސިފައިން ގުޅިގެން، ވަލާއި ދަގަނޑު ހޮޅި ބޭނުންކޮށްގެން ހައްޔަރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިވަގުތަށް އެހެރީ ފުރާޅުގެ ޓިނުތައް އިތުރަށް ނުދާނޭ ގޮތަށް ހިފެހެޓިފައި. އެކަމަކު އެތަން ބޭނުންކުރެވޭވަރުވާނީ ބޮޑު މަރާމާތެއް ކޮށްގެން،" ނޫރުﷲ އަބްދުﷲ ވިދާޅުވި އެވެ.

ނައިފަރު މަދްރަސަތުން އިފްތިތާހުގެ ފުރާޅުން ބައެއް ހަލާކުވެފައި -- ޓުވިޓާ ފޮޓޯ: @akutteyy
ރާއްޖޭގެ އެކި ސަރަހައްދުތަކަށް މިދުވަސްވަރު ވިއްސާރަކުރަމުންދާއިރު، ކުރިއަށް އޮތް 24 ގަޑިއިރަށް ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ވަނީ ބުނެފަ އެވެ.
މެޓު އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ކަނޑުތައް ވެސް ގަދަވާނެ އެވެ. އަދި ވިލާގަނޑުގައި 30 މޭލާއި 35 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައިގަދަވާނެ ކަމަށް ވެސް ލަފާކުރެ އެވެ.
ވައިގަދަވެ ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކުރެވޭތީ މެޓު އޮފީހުން އިއްޔެ ވަނީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވާން އަންގާފަ އެވެ.