މިއަދަކީ 1436 ވަނަ އަހަރުގެ ރަމަޟާން މަހުގެ 29 ވަނަ ދުވަހެވެ. މިއަދުގެ އިރު ރާއްޖެއަށް އޮއްސޭއިރު، ހަނދު ފެންމަތީގައި ހުންނާނެ ކަމަށް ފަލަކީ ހިސާބުތަކުން ދައްކައެވެ.

ފަލަކީ ހިސާބުތަކުން ދައްކާގޮތުގައި، މިއަދު މާލެއަށް ހަނދު އޮއްސޭނީ އިރުއޮއްސުމުގެ 15 މިނެޓު ފަހުންނެވެ. ރާއްޖޭގެ އެންމެ އުތުރަށް ހަނދު އޮއްސޭނީ އިރު އޮއްސުމުގެ 14 މިނެޓު ފަހުންނެވެ. ރާއްޖޭގެ އެންމެ ދެކުނަށް ހަނދު އޮއްސޭނީ އިރުއޮއްސުމުގެ 17 މިނެޓު ފަހުންނެވެ. މާތްވެގެންވާ މައްކާއަށް ހަނދު އޮއްސޭނީ އިރުއޮއްސުމުގެ 12 މިނެޓު ފަހުންނެވެ. އިންޑޮނޭޝިޔާގެ ޖަކާޓާއަށް ހަނދު އޮއްސޭނީ އިރު އޮއްސުމުގެ 14 މިނެޓު ފަހުންނެވެ. ތުރުކީގެ އިސްތަންބޫލަށް ހަނދު އޮއްސޭނީ އިރު އޮއްސުމުގެ 2 މިނެޓު ފަހުންނެވެ. ސެނަގޯލްގެ ޑާކާރަށް ހަނދު އޮއްސޭނީ އިރު އޮއްސުމުގެ 23 މިނެޓު ފަހުންނެވެ.

ދިވެހިރާއްޖެ އާއި އަދިވެސް ގިނަ އިސްލާމީ ގައުމުތަކުގައި ހަނދުމަސް ފެށިއްޖެ ކަމުގައި ބަލަނީ، ހިނގަމުންދާ ހަނދު މަހެއްގެ 29 ވަނަ ދުވަހު އިރު އޮއްސުމަށް ފަހު، ލޮލަށް ހަނދު ފެނިއްޖެކަން ސާބިތު ވުމުންނެވެ. ނުވަތަ ހިނގަމުންދާ މަހެއްގެ 30 ދުވަސް ހަމަކޮށް އެދުވަހުގެ އިރު އޮއްސުމުންނެވެ. އަދި އިތުބާރު ހުރި ފަލަކީ ހިސާބަށް ބަލާއިރު، އިރުއޮއްސޭއިރު ހަނދު ފެންމަތީގައި ނުހުންނާނެ ކަމަށް ދައްކާ ނަމަ، ދެން އޮތް ގޮތަކީ ވެސް ހިނގަމުންދާ މަހުގެ 30 ދުވަސް ހަމަކުރުމެވެ.

ހަމަ ލޮލަށް ހަނދު ފެނުން ބިނާވެފައިވަނީ އިރު އޮއްސޭ ވަގުތު ހަނދު ފެންމަތީގައި ހުރުމާ އެކު، ހަނދު ހުންނަ އުސްމިނަށާއި އިރާއި ހަނދާ ދެމެދުގައިވާ ދުރުމިނަށާއި އުޑުމަތި ސާފުވުން ފަދަ ބައެއް ސަބަބު ތަކުގެ މައްޗަށެވެ. އެހެންކަމުން ހަގީގަތުގައި ހަނދު ފެންނާން ހުންނާނެ ދުވަހެއްގައި ވެސް އުޑުމަތި ބަނަވުމުގެ ސަބަބުން ނުވަތަ އިރުގެ ދަޅައިގެ ސަބަބުން ހަނދު ނުފެނިދާނެއެވެ.

އިސްލާމީ ޤައުމުތަކުގެ ތެރެއިން ފަލަކީ ހިސާބަށް ބަލައިގެން ހަނދު މަސް ފަށާ ތުރުކީ ފަދަ ގައުމުތަކުން މިހާރު ވެސް ވަނީ މާދަމާއަކީ މި އަހަރުގެ ފިޠުރު ޢީދު ދުވަސް ކަމަށް އިއުލާން ކޮށްފައެވެ. މީގެ އިތުރުން އުތުރު އެމެރިކާގެ ފިޤުހު ކައުންސިލުން ވެސް ވަނީ މި އަހަރުގެ ޝައްވާލު މަހުގެ ފުރަތަމަ ދުވަހަކީ ޖުލައި މަހުގެ 17 ވާ ހުކުރު ދުވަސް ކަމަށް އިއުލާންކޮށްފަ އެވެ.

ހަނދު މަސް ފެށުމުގައި އުތުރު އެމެރިކާގެ ފިޤުހު ކައުންސިލުން އަމަލު ކުރާ ގޮތަކީ، މާތްވެގެންވާ މައްކާއަށް އިރު އޮއްސުމުގެ ކުރީން މާރަހަވެފައި، މައްކާއަށް ހަނދު އޮއްސެނީ އިރުއޮއްސުމުގެ ފަހުން ކަމަށް ވާ ނަމަ ޖެހިގެން އަންނަ ދުވަހަކީ ހަނދު މަހުގެ ފުރަތަމަ ދުވަސް ކަމަށް ބެލުމެވެ. ހިނގަމުން މިދާ ހަނދު މަހުގެ ބުރު ފުރިހަމަ ކުރުމަށް ފަހު، އިރާއި ހަނދާއި ބިން އެއް ރޮނގަކަށް އައިސް މާރަހަވީ، ޖުލައި 16 ވީ ބުރާސްފަތި ދުވަހު (މިއަދު) ރާއްޖޭ ގަޑިން ހެނދުނު 06:24 ގައެވެ.

ސަޢުދީ ޢަރަބިއްޔާގެ ރަސްމީ ކަލަންޑަރު ކަމުގައިވާ އުއްމުލްޤުރާ ކަލަންޑަރުގައި ވެސް ހަނދުމަސް ފެށުމުގައި އަމަލު ކުރާ ގޮތަކީ، މައްކާއަށް އިރު އޮއްސުމުގެ ކުރީން މާރަހަ ވެފައި، މައްކާއަށް އިރު އޮއްސުމުގެ ފަހުން ހަނދު އޮއްސޭނަމަ، އައު މަސް ފެށުނީ ކަމަށް ބެލުމެވެ. މާރަހަ ވީ މައްކާ ގަޑިން މިއަދު ފަތިހު 04:24 ގައެވެ. މައްކާއަށް އިރު އޮއްސޭނީ މައްކާ ގަޑިން 19:06 ގައެވެ. ހަނދު އޮއްސޭނީ 19:18 ގައެވެ. އެހެންކަމުން ސަޢުދީޢަރަބިއްޔާގައި ހަނދު މަސް ފެށުމުގައި ފަލަކީ ގޮތުން ބަލާ މިންގަނޑުތަކަށް ބެއްޔަސް މާދަމާއަކީ 1436 ވަނަ އަހަރުގެ ޝައްވާލު މަހުގެ ފުރަތަމަ ދުވަހެވެ.