ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ އިތުބަރު ނެތްކަމުގެ މައްސަލަ އަންނަ ހަފުތާގެ ހޯމަ ދުވަހަށް އެޖެންޑާ ކުރާނެ ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށް ޕީޕީއެމްގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު ހުސައިން މަނިކު ވިދާޅުވެއްޖެ އެވެ.

ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައި ވަނީ ވެސް މި މަހުގެ ތެރޭގައެވެ. ގާނޫނު އަސާސީ ބުނާގޮތުން އެ ގަރާރުގެ ބަހުސްގެ މަރުހަލާގައި އަނގަ ބަހުންނާއި ލިޔުމުން އަމިއްލަ ދިފާއުގައި މަސައްކަތް ކުރުމުގެ ހައްގު ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ލިބިގެންވެ އެވެ.

"ނޯޓިސް ފޮނުވިފަހުން ވެސް މިހާރު 14 ދުވަހަށް ވުރެއްވެސް އިތުރުވެއްޖެ. ޖަލްސާ ބޭއްވޭ އިރުގައި އެއީ 16 ދުވަސް ފަސް. އޭގެ މާނައަކީ މިވަގުތަށް އޮތް އެންމެ މުހިންމު އިޝޫއަކަށް އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އޮންނާނީ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގެ މައްސަލައޭ،" ނިހާން ވިދާޅުވިއެވެ.

ޕީޕީއެމްގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާނު ހުސައިން މަނިކު: ސަން ފައިލް ފޮޓޯ

މަޖިލީހުގެ ގަވައިދަށް އަލަށް ގެނެސްފައިވާ އިސްލާހުގައި ބުނެފައި ވަނީ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހުގެ ތަޅުމުގައި ބަހުސް އޮންނަ ދުވަހު މަޖިލީހުގެ ޖަލްސާ އަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހާޒިރު ނުވި ނަމަވެސް ބަހުސް ކުރިއަށް ގެންގޮސް މަޖިލީހަށް ހުށަހެޅިފައިވާ މައްސަލައާ މެދު ގޮތެއް ނިންމަންވާނެ ކަމަށެވެ.

ގާނޫނު އަސާސީގެ 100 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކިކުރެވޭނީ މަޖިލީހުގެ ތިން ބައި ކުޅަ ދެ ބައި މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އެއީ މަޖިލީހުގެ 85 މެމްބަރުންގެ ތެރެއިން 57 މެމްބަރުންގެ އަޣުލަބިއްޔަތެވެ.

ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ ވެސް 61 މެމްބަރުންގެ ސޮޔާއެކު އެވެ.

ނައިބު ރައީސް ޖަމީލު މިވަގުތު ހުންނެވީ ލަންޑަންގަ އެވެ. އެމަނިކުފާނު ވިދާޅުވެފައި ވަނީ މަގާމުން ވަކި ކުރުމަކީ "ގާނޫނު އަސާސީގެ ތެރެއިން ގެންނަ ބަޣާވާތެއް" ކަމަށެވެ.