16 Jul 2015, 19:15
ރައީސުލްމްހޫރިއްޔާގެ ނައިބުގެ މަގާމަށް އައްޔަން ކުރައްވަން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ނަންފުޅަކަށް މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރާނީ އެއް ގަޑިއިރަށް ކަމަށް ކަނޑައަޅައި މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނައުމަށް އާންމު ކޮމިޓީން ފާސްކޮށްފި އެވެ.
މަޖިލީހުގެ އާންމު ކޮމިޓީން އެގޮތަށް ނިންމީ ނައިބު ރައީސްގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާ ބޭފުޅެއްގެ ނަން ފާސްކުރުމާ ގުޅޭގޮތުން މަޖިލީހުގެ ރައީސް އަބުދުﷲ މަސީޙް މުހައްމަދު މަޖިލީހުގެ ގަވާއިދަށް ގެނައުމަށް ހުށައަޅާފައިވާ އިސްލާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށް މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމެއްގައި އެވެ.
އެ އިސްލާހު އެގޮތަށް ފާސްވެފައި ވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އަޣުލަބިއްޔަތުން ނެވެ.
އާންމު ކޮމިޓީން މަޖިލީހުގެ ގަވާއިދަށް އެ އިސްލާހު ގެނެސްފައިވާއިރު ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ރުހުން ދިނުމުގެ ބަހުސް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ކުރިއަށް ގެންދާނެ ވަކި ވަގުތެއް މަޖިލީހުގެ ގަވައިދުގައި ބަޔާންކޮށްފައެއްނުވެ އެވެ.
އާންމު ކޮމިޓީން މިއަދު ވަނީ މަޖިލީހުގެ ގަވާއިދަށް އިތުރު އިސްލާހެއް ވެސް ގެނެސްފައެވެ. އެއީ ނައިބު ރައީސަށް ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވާ މައްސަލަ އަވަސް ކުރެވޭ ގޮތަށް މަޖިލީހުގެ ގަވާއިދަށް ގެނެސްފައިވާ އިސްލާހެކެވެ.
އެގޮތަށް އެ އިސްލާހު އޮތުމުން ނައިބު ރައީސަކަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ހުށަހަޅާ ނަންފުޅު ދިރާސާކުރި ކޮމިޓީގެ ރިޕޯޓް މެމްބަރުންނަށް ލިބިވަޑައިގަންނަވާ ދުވަހު ވެސް އެ ނަންފުޅަށް މަޖިލީހުގައި ވޯޓަށް އެހޭނެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް އެފަދަ އިސްލާހެއް ގެނައުމަށް ކޮމިޓީން ފާސްކުރި ނަމަވެސް އެ އިސްލާހުތަކަށް އަމަލު ކުރެވެން ފެށޭނީ މަޖިލީހުގެ ތަޅުމުން އެއަށް ގޮތެއް ނިންމެވުމުން ނެވެ.
ރައްޔިތުންގެ މަޖިލީހަށް މިހާރު ވެސް ވަނީ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މަގާމުން ވަކިކުރެއްވުމުގެ މައްސަލައެއް ހުށަހަޅާފައެވެ. ޕީޕީއެމްގެ ޕާލިމަންޓަރީ ގުރޫޕުގެ މެމްބަރުން ވިދާޅުވަމުން ދަނީ އެ މަގާމަށް ދެން ގެންނަ ބޭނުންފުޅު ވަނީ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ކަމަށެވެ.
މިހާރު މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލާފައިވީ ނަމަވެސް މިނިވަން ދުވަހުގެ ކުރިން ޖަލްސާއެއް ބާއްވައި ނައިބު ރައީސް ކަމަށް ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބް އައްޔަން ކުރެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ޕީޕީއެމްގެ މަޖިލިސް މެމްބަރުން ވަނީ ވިދާޅުވެފައެވެ.