16 Jul 2015, 16:17
ްއެންމެހާ ދިވެހިންނަށް އަންނަ އުފާވެރި އީދު ކަމަށްވާ "މިނިވަން 50" ވީހާ ވެސް ކުލަގަދަކޮށް ފާހަގަކޮށްދެއްވުމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވަޒީރުންގެ އަރިހުން އެދިވަޑައިގެންފި އެވެ.
ރައީސް އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި ސަރުކާރުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ ވިދާޅުވީ މިނިވަން 50ގެ ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި ސަރުކާރުގެ މުއައްސަސާތަކުން ކުރަމުންދާ މަސައްކަތްތަކުގައި އެއްވެސް ކަހަލަ ދަތިކަމެއް އުޅޭތޯ ރައީސް ޔާމީން އޮޅުން ފިލުއްވާފައިވާ ކަމަށެވެ.
"އެއްވެސް ކަހަލަ ދަތި ކަމެއްވާ ނަމަ ސަރުކާރުގެ އެންމެހާ އިދާރާތަކުގައި ހުރި ހުރިހާ ރިސޯސަސްތަކެއް ބޭނުން ކުރައްވައިގެން ވީހާ ވެސް ކުލަގަދަ ގޮތެއްގައި މި އެންމެހާ ދިވެހިންނަށް އަންނަ އުފާވެރި އީދު ފާހަގަކުރެއްވުމުގައި ސަރުކާރުން ކޮށްދެވެން އޮތް ހުރިހާ މަސައްކަތެއް ކުރުމުގައި އަދިވެސް ކުރައްވަމުން ގެންދެވުމަށް ރައީސް ޔާމީން އެދިވަޑައިގެންނެވި އެންމެހާ ވަޒީރުންގެ ފަރާތްޕުޅުން،" މުއާޒު ވިދާޅުވި އެވެ.
މިނިވަން 50 އާ ގުޅިގެން ސަރުކާރުން އަންނަނީ ގިނަގުނަ ހަރަކާތްތަކެއް ވަރަށް ދުރާލާ ހިންގަމުން ނެވެ. އެގޮތުން މިހާރުވެސް ތަފާތު އެތަކެއް ކުޅިވަރުތަކެއް މާލެއާ ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި ވަނީ ކުރިއަށް ގެންގޮސްފައި އެވެ.
މިނިވަން 50 ގެ ރަސްމީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 26 ވަނަ ދުވަހު އުސްފަސްގަނޑުގައި އެވެ. އެ ރަސްމިއްޔާތުގައި "މިނިވަން 50 ޝަރަފުގެ އައްޑަނަ" ނިޝާނު އިއްޒުއްދީނުގެ ލަގަބު ލިބިވަޑައިގެންފައިވާ ކުރީގެ ދެ ރައީސުން ކަމަށްވާ ރައީސް އަލްމަރުހޫމު އިބްރާހިމް ނާސިރާއި ރައީސް މައުމޫން އަބްދުލްގައްޔޫމަށް އެރުވުމަށް ރައީސް ޔާމީން ވަނީ ނިންމަވާފައި އެވެ.
އެހަފުލާގައި ރާއްޖެއަށް މިނިވަންކަން ލިބުނު ދުވަހު އުފަންވި މީހުންގެ އިތުރުން ބޭރުގެ އިއްޒަތްތެރިން ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައި އެވެ.