ސިއްހީ ހިދުމަތަށް ބޭނުންވާ އިކްއިޕްމަންޓް ގަތުމަށް 12 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ކޮންމެ މަހަކު ހަރަދުވާ ކަމަށް ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެ އެވެ.

ހެލްތު މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މަހަކު 12 މިލިއަން ރުފިޔާ ހަރަދުވަނީ އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލަށް ބޭނުންވާ އިކުއިޕްމަންޓް ހޯދުމަށް ކުރާ ހަރަދު ނުލައި ކަމަށެވެ.

މީގެ އިތުރުން ސީ އެމްބިއުލާންސް ހޯދުމަށް 37 މިލިއަން ރުފިޔާ ހަރަދުވެފައިވާ އިރު، މިހާތަނަށް ވ. އަތޮޅާއި ލ. އަތޮޅު ފިޔަވައި އެހެން ހުރިހާ އަތޮޅުތަކަކަށް ސީ އެމްބިއުލާންސް ހޯދިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ސިއްހީ ހިދުމަތް ފޯރުކޮށްދޭ ތަންތަނަށް އެމްބިއުލާންސް ހޯދުމަށް 34 މިލިއަން ރުފިޔާ މިހާތަނަށް ހަރަދުކޮށްފައިވާ ކަމަށް މިނިސްޓަރު އިރުތިޝާމް ވިދާޅުވި އެވެ. މިނިސްޓަރު އަދި ވިދާޅުވީ ސިއްހީ ހިދުމަތަށް ބޭނުންވާ ކަންކަން ރަނގަޅުކުރުމަށް ކުރާ މަސައްކަތުގެ ދަށުން އައިޓީގެ މަސައްކަތްތައް ކުރުމަށް މިހާތަނަށް 15 މިލިއަން ރުފިޔާ ހަރަދުވެފައިވަ ކަމަށެވެ.

ދ. ކުޑަހުވަދޫ އަތޮޅު ހޮސްޕިޓަލް:އަހުމަދު ޖައިޝަން

ހެލްތު މިނިސްޓަރު ވިދާޅުވި ގޮތުގައި މިދިޔަ އަހަރުން ފެށިގެން މިއަހަރުގެ މިހާތަނަށް ސިއްހީ ހިދުމަތަށް 91 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މިހާތަނަށް ސިއްހީ ހިދުމަތަށް ބޭނުންވާ 192 ތަނެއް މަރާމާތު ކުރުމަށް އެކި ފަރާތްތަކާ ވަނީ ހަވާލުކޮށްފަ އެވެ. އަދި 136 ރަށެއްގައި އެސްޓީއޯގެ ފާމަސީތައް މިހާތަނަށް ވަނީ ހުޅުވާފައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ސިއްހީ ހާލަތު ރަނގަޅު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަރަށްބޮޑު އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ.