ލޯކަލް ކައުންސިލްގެ އިންތިޚާބާ ގުޅިގެން، ޝަކުވާ ހުށަހެޅުމަށް ގާނޫނުން ދީދައިވާ 14 ދުވަހުގެ މުއްދަތު ހަމަވި އިރު 42 މައްސަލައެއް ހުށަހަޅައި 33 މައްސަލައެއް ރަޖިސްޓްރީކޮށްފައިވާ ކަމަށް ހައި ކޯޓުން ބުނެފި އެވެ.

ދިވެހި ރާއްޖޭގެ ހައި ކޯޓުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ ރަޖިސްޓްރީކޮށްފައިވާ 33 މައްސަލައިގެ ތެރެއިން 18 މައްސަލައަކީ އިންތިޚާބީ ޝަކުވާގެ މައްސަލަ ކަމަށެވެ. އަދި 15 މައްސަލައަކީ އިންތިޚާބީ ކުށުގެ މައްސަލަ ކަމަށެވެ.

ބަލައި ނުގަނެ އަނބުރާލާ ފޮނުވާލައިފައިވާ ނުވަ މައްސަލައެއްވާ ކަމަށާއި އެ ނުވަ މައްސަލަ އަނބުރާ ފޮނުވާލީ ޤާނޫނުގައި ބުނެފައިވާ ގޮތާ ޚިލާފަށް ހުށަހެޅުމުން ކަމަށާއި އަދި އެކިފަހަރު މަތީން އެކަންކަން އިޞްލާހް ކުރުމަށް ފުރުސަތު ދިނުމުން ވެސް އިސްލާހު ނުކުރި ނުވަ މައްސަލަ ކަމަށެވެ.

އެ މައްސަލަތައް ހިންގުމަށްޓަކައި ހައި ކޯޓުގައި މިހާރު ތިއްބެވި ހަތަރު ފަނޑިޔާރުންނާއި މުވައްޒަފުން ދަނީ ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން ކަމަށް ވެސް ހައި ކޯޓުން ބުންޏެވެ. އަދި ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތަށް މައްސަލަތައް ނިންމުމަށް ޓަކައި ހަފްތާގެ ބަންދު ދުވަސްތަކާއި ރަސްމީ ބަންދު ދުވަސްތަކަކީ ވެސް ހައި ކޯޓުގައި ޝަރީޢަތްތައް ހިންގާ ދުވަސްތަކެއް ކަމަށް ހަމަޖެއްސުމަށް ފަހު، ރަސްމީ ބަންދު ދުވަހެއްކަމުގައިވާ އިއްޔެ ވެސް ވަނީ ހައި ކޯޓުގައި ރަސްމީ ދުވަހެއްގެ ގޮތުގައި މަސައްކަތް ކޮށް ޝަރީޢަތްތައް ހިންގާފައި ކަމަށް އެ ކޯޓުން ބުންޏެވެ. ހަމަ އެހެންމެ އަންނަ ހޮނިހިރު ދުވަހު ވެސް ހައި ކޯޓުގައި ރަސްމީ މަސައްކަތު ދުވަހެއް ކަމުގައި ހަމަޖައްސައި އެ ދުވަހު ވެސް ޝަރީޢަތްތައް ހިންގާ ދުވަހެއް ކަމުގައި މިހާރު ވަނީ ހަމަޖައްސާފައި ކަމަށް އެ ކޯޓުން ބުންޏެވެ.