16 Jul 2015, 16:01
ތިން ސިއްހީ މަރުކަޒެއް މަރާމާތު ކުރުމަށް ތިން ފަރާތަކާއެކު ހެލްތު މިނިސްޓްރީން ހަވާލުކޮށްފިއެވެ.
ހެލްތު މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެއްބަސްވެފައިވަނީ ގއ. ގެމަނަފުށި ސިއްހީމަރުކަޒު މަރާމާތު ކުރުމަށާއި ނ.މަގުދޫ ސިއްހީމަރުކަޒު މަރާމާތު ކުރުމުގެ އިތުރުން ހއ. އިހަވަންދޫ ސިއްހީމަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ ފިނިޝިން މަސައްކަތް ކުރުމަށެވެ. އެ ތިން ޕްރޮޖެކްޓްގައި ވެސް ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއި ކުރީ މިނިސްޓަރު އިރުތިޝާމް އާދަމެވެ.

ތިން ސިއްހީ މަރުކަޒެއް މަރާމާތު ކުރުމަށް ތިން ފަރާތަކާއެކު ހެލްތު މިނިސްޓްރީން ސޮއި ކުރުން
ގެމަނަފުށި ސިއްހީމަރުކަޒު މަރާމާތު ކުރުމަށް ހަވާލުކޮށްފައިވަނީ އެރަށު ފަޅޯމާގެ، އިބްރާހިމް އަސްވަދު އާއެވެ. 281،820ރ. ގެ އެ ޕްރޮޖެކްޓަކީ 55 ދުވަސްތެރޭ ނިންމާގޮތަށް ހަވާލުކޮށްފައިވާ މަސައްކަތެކެވެ.
އިހަވަންދޫ ސިއްހީމަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ ފިނިޝިން މަސައްކަތްތައް ހަވާވުޑް ވޯކްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައިވަނީ 78 ދުވަސްތެރޭ ނިންމާ ގޮތަށެވެ. އެ ޕްރޮޖެކްޓްގެ ޖުމްލަ އަގަކީ 1.4 މިލިއަން ރުފިޔާ އެވެ.
މީގެއިތުރުން 2.8 މިލިއަން ރުފިޔާއަށް މަގުދޫ ސިއްހީމަރުކަޒު މަރާމާތު ކުރުމަށް ހަވާލުކޮށްފައިވަނީ އަ މޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެވެ. އެ ޕްރޮޖެކްޓަކީ 270 ދުވަސްތެރޭ ނިންމާ ގޮތަށް ހަވާލުކޮށްފައިވާ ޕްރޮޖެކްޓެކެވެ.