16 Jul 2015, 15:41
ބައިރޫތު (ޖުލައި 16) : އީރާނާ އެކު ދުނިޔޭގެ ބާރުތަކުން ސޮއިކުރި ނިއުކްލިޔާ އެއްބަސްވުމުގެ ސަބަބުން ނިއުކްލިޔަރ ހަތިޔާރު އުފެއްދުން އީރާނަށް މަނާނުކުރެވޭނެ ކަމަށާ މިއެއްބަސްވުމުގެ ސަބަބުން އިގްތިސާދީގޮތުންނާއި ޓެކްނޮލޮޖީގެ ގޮތުން އީރާން އިތުރަށް ބާރުގަދަވެގެންދާނެ ކަމަށް ސައޫދީ އަރަބިޔާގެ ކުރީގެ އިސް މަސްއޫލުވެރިއެއް ކަމަށްވާ ޕްރިންސް ބަންދަރުބިން ސުލްތާން ވިދާޅުވެއްޖެ އެވެ.
ލުބްނާނުގައި އިނގިރޭސިބަހުން ނުކުންނަ ނޫހެއްކަމަށްވާ ޑެއިލީ ސްޓާގައި އަމިއްލަ ފުޅަށް ލިޔުއްވި މަޒްމޫނެއްގައި ބަންދަރު ވިދާޅުވެފައި ވަނީ އުތުރުކޮރެޔާ ވެސް ނިއުކްލިޔަރ ހަތިޔާރު ހަދާނެކަމަށް އެމެރިކާ ގެ ޖާސޫސީ އިދާރާތަކުން ކުޑަކޮށް ވެސް ވިސްނާފައި ނެތްކަމަށާ އަދި އުތުރުކޮރެޔާއަށް ނިއުކްލިޔަރ ހަތިޔާރު ނުހެދޭނެކަމަށް އެމެރިކާގެ މަސްއޫލުވެރިން ދެކެވަޑައިގެންނެވި ކަމުގަ އެވެ. ނަމަވެސް ހަގީގަތަކީ އެމެރިކާގެ އަންދާޒާތަކާ މުޅިން ޚިލާފަށް އުތުރުކޮރެޔާއިން ނިއުކްލިޔަރ ހަތިޔާރު އުފެއްދުން ކަމަށާ އީރާންވެސް މިގޮތަށް ނިއުކްލިޔަރ ހަތިޔާރު ހަދާނެކަމަށް ބަންދަރު ވިދާޅުވިއެވެ.
ބަންދަރަކީ ސައޫދީ ރަސްކަމުގެ ނިޒާމުގައި ކުރިން ވަރަށް ބާރުގަދަ ބޭފުޅެކެވެ. ނަމަވެސް 2014 ވަނަ އަހަރު އޭނާވަނީ މަގާމުން ދުރުކޮށްފައެވެ. އެއީ ސައޫދީ ޖާސޫސީ އިދާރާގެ ވެރިޔާގެ މަގާމުންނެވެ. އެއަށްފަހު ބަންދަރުގެ ބާރާއި ނުފޫޒު ސައޫދީ ރަސްކަމުގެ ނިޒާމުގައި އޮންނަމިންވަރު އެނގިފައެއް ނުވެއެވެ. ބަންދަރަކީ ސައޫދީ ކުރީގެ ވަލީއުލްއަހްދު ޕްރިންސް ސުލްތާން ބިން އަބްދުލްއަޒީޒްގެ ދަރިކަލެކެވެ. އެމެރިކާގައި ހުންނަވާ ސައޫދީ ސަފީރު ކަމުގެ މަގާމުގައި 20 އަހަރުވަން ދެން އޭނާ ހުންނެވިއެވެ. އަދި ސައޫދީ ޖާސޫސީ އިދާރާގެ ވެރިޔާގެ މަގާމުގައިވެސް އެތަށް އަހަރެއްވަންދެން އޭނާހުންނެވިއެވެ.
ޑެއިލީ ސްޓާރ ގައި ލިޔުއްވި މަޒްމޫނުގައި ބަންދަރު ވިދާޅުވެފައިވަނީ ނިއުކްލިޔަރ އެއްބަސްވުމާއެކު އީރާނާދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާ އަދި ހުޅަނގުގެ ފިއްތުންތަކުން އީރާން ސަލާމަތްވުމުން އީރާނުގެ ބާރާއ ނުފޫޒު މިސަރަހައްދުގައި އިންތިހާއަށް މައްޗަށްދާނެ ކަމުގައެވެ. އަދި މިކަމުގެ ސަބަބުން ބޭނުންގޮތަކަށް އެހެންގައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށްވަދެ "ފަސާދައާއި ޖެއްސުންކުރުމުގެ ސިޔާސަތެއް" ގެން ގުޅުމުގެ ފުރްސަތު އީރާނަށް ލިބިގެންދާނެ ކަމުގައެވެ.
ބަންދަރަކީ ކުރިން އެމެރިކާއަށް ވަރަށް ތާއީދުކުރެއްވި ބޭފުޅެއް ނަމަވެސް މިފަހަކަށް އައިސް އޭނާ ގެންދަވަނީ އެމެރިކާއަށް ފާޅުގައި ވަރަށްބޮޑަށް ފާޑު ވިދާޅުވަމުންނެވެ. މިގޮތުން ސައޫދީ އަރަބިޔާއަށާއި އަރަބި އެހެން ގައުމުތަކަށް އޭނާވަނީ އެމެރިކާއަށް ބަރޯސާ ނުކުރުމަށާއި އަމިއްލައަށް މަސައްކަތްކޮށްގެން ބާރުގަދަ ކުރުމަށާއި ޓެކްނޮލޮޖީގެ ގޮތުން ކުރިޔަށްދިޔުމަށް ގޮވާލާފައެވެ. ނަމަވެސް ބަންދަރަކީ އިރާގަށް އެމެރިކާ އަރައިގަތުމަށާއި ކުވައިތުން އިރާގު ސިފައިން ބޭރުކުރުމަށްޓަކައި ސައޫދީ ބިމުން އެމެރިކާ ސިފައިން ނަށް ޖާގަދީގެން އިރާގާ ހަނގުރާމަ ކުރުމަށް ވަރަށްބޮޑަށް ހިއްވަރު ދެއްވި ބޭފުޅެކެވެ. އަދި އީރާނާ ދެކޮޅަށް އިރާގުންކުރި 8 އަހަރުގެ ހަނގުރާމައަށްވެސް ބަންދަރު ތާއީދުކުރެއްވިއެވެ.
އިރާގުން މިހަނގުރާމަ ކޮށްފައިވަނީ ސައޫދީ އަރަބިޔާއާއި ކުވައިތުގެ ފައިސާގެ އެހީގައެވެ. (ނޫސްއެޖެންސީތައް)