16 Jul 2015, 15:30
އީދު ޗުއްޓީ އަށް ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ޓުރާންސްޕޯޓް އޮތޯރިޓީ އިން އިލްތިމާސްކޮށްފި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒް ވިދާޅުވީ އީދު ދަތުރުގައި މީހުން އުފުލުގައި ކަނޑު އުޅަނދާއި އެކަށޭނަ ނުވާވަރަށް މީހުން ނުގެންދިއުމަށާއި މޫސުމަށް ސަލާމުވެ ދަތުރުކުރުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.
"މިދުވަސްކޮޅަކީ މުޅި ރާއްޖެ އަށް މޫސުން ގޯސް ދުވަސް ވަރަކަށް ވާތިއްޔާއެކީގައި ކަނޑު ދަތުރުފަތުރުގައި އެއްރަށުން އަނެއް ރަށަށް ދަތުރު ކުރައްވާ ފަރާތްތަކުން އެއުޅަނދަކަށް އެކަށިގެން ނުވާ މިންވަރަށް މީހުން ނުއުފުލުމާއި ސަލާމަތީ ގޮތުން ހުއްދަނަގަން ޖެހޭ ހުއްދަތައް ނުނަގާ ދަތުރުތައް ނުކުރެއްވުމަށް [އިލްތިމާސްކުރަން]" ނާފިޒް ވިދާޅުވި އެވެ.
ނާފިޒު ވިދާޅުވީ އީދު ބަންދާއި ގުޅިގެން ފުލުހުން ބޯޓްތައް ޗެކްކުރަމުން ގެންދާނެ ކަމަށާއި އަދި ގަވައިދާ ހިލާފަށް ދަތުރުކުރާ އުޅަނދުތަކާއި މެދު ފިޔަވަޅުއަޅާނެ ކަމަށެވެ.
ކުރިއަށް އޮތް 24 ގަޑިއިރަށް ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުނެ އެވެ.
އީދު ދުވަހުގެ ހަވީރު 4:00 އިން ރޭގަނޑު 7:00 އަކަށް އެއީ މާލޭގައި ހިނގާފައި އުޅޭ ދުވަހެއް ކަމަށް ކަނޑައަޅާފައިވާއިރު އެހެން ރަށްރަށު ކައުންސިލްތަކަށް ވެސް އެގޮތަށް ނިންމުމުގެ ބާރު ލިބިގެންވާކަމަށް ނާފިޒް ވިދާޅުވި އެވެ.
އެތިން ގަޑިއަކީ ފައިމަގުގައި ހިނގާފައި އުޅޭ ވަގުތުތަކެއް ކަމަށް ކަނޑައަޅާފައިވާ ކަމަށާއި އެވަގުތު ތަކުގައި ދުއްވޭނީ ވަކި ހާއްސަ ހުއްދައެއް ލިބިގެންވާ އުޅަނދުތަކެއް އެކަނި ކަމަށް ނާފިޒް ވިދާލުވި އެވެ. އޭގެ ތެރޭގައި މިނިވަން 50 އާއި ގުޅިގެން ތަކެތި އުފުލާ އުޅަނދުތައް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އެއާއި ހިލާފަށް ދުއްވާ އުޅަނދުތައް 750 ރުފިޔާ އިން ޖޫރިމަނާ ކުރެވޭނެ ކަމަށް ނާފިޒް ވިދާޅުވިއެވެ.
އެވަގުތުގައި ދުއްވަން ހުއްދަދެވޭ އުޅަނދުތައް.
*ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމު އުޅަނދު
*އެމްބިއުލާސް
*ފުރާ މީހުން ބޭނުންކުރުމަށް ހުއްދަދެވޭ ޓެކްސީ އާއި ޕިކަޕް
*ހާއްސަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ހާއްސަކުރެވިފައިވާ ސައިކަލް
*ސިޓީ ކައުންސިލުން ހުއްދަ ދީފައިވާ ބަސް
ކަލަންޑަރު ދައްކާގޮތުން މިއަހަރުގެ ފިތުރު އީދު ދުވަހަކީ މާދަމާ އެވެ. ނަމަވެސް އެކަން ޔަގީން ވާނީ މިރޭ ހަނޑު ބެލުމަށްފަހު އިއުލާން ކުރުމުންނެވެ.