ކޮމަންވެލްތު މެމްބަރު ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެ އޮތުމާ މެދު ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާ ކޮށްފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ތަރުޖަމާން އިބުރާހިމް މުއާޒު އަލީ މިއަދު ވިދާޅުވީ ފާއިތުވެގެންދާ ދުވަސްތަކުގެ ތެރޭގައި ކޮމަންވެލްތު މެމްބަރު ގައުމެއްގެ ގޮތުގައި ރާއްޖެ ހަރަކާތްތެރިވަމުންދާ ގޮތާއި ހަރަކާތްތެރިިވަމުންދާ މިންވަރު ދެނެގަތުމުގެ ގޮތުން އިތުރަށް "މުތާލިއާ" ކުރަން ޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށް ވަޒީރުން ރައީސަށް ލަފާ އެރުއްވި ކަމަށެވެ.

"އެންމެހާ ބޭފުޅުންގެ އިއްތިފާގުން ފާހަގަކުރެވުނީ މިވަގުތަށް ވެސް އެބަހުރިކަން ކޮމަންވެލްތުގެ މެމްބަރު ގައުމެއްގެ ގޮތުގައި ދިވެހި ރާއްޖެ އޮވެމެ ރާއްޖޭގެ މެމްބާޝިޕުގެ ތެރެއިން ހަރަކާތްތެރިވަމުންދާ ގޮތާއި އަދި އެ މިންވަރު ދެނެގަންނާނެ ކޮންމެވެސް އުސޫލުތަކެއް ރިވައިޒު ކުރަން އެބަޖެހޭކަން މިއީ ހުރިހާ ބޭފުޅުންނަށް ވެސް އިއްތިފާގުވެވަޑައިގެންނެވުނު ކަމެއް،" މުއާޒު ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ތަރުޖަމާން އިބުރާމް މުއާޒު އަލީ ވާހަކަފުޅުދައްކަވަނީ: ސަން ފޮޓޯ/ ފަޔާޒު މޫސާ

މުއާޒު ވިދާޅުވީ މިއަދުގެ ވަޒީރުންގެ މަޖިލީހުގައި އެކަމަށް މަޝްވަރާ ކުރެވިގެން ދިޔަ ކަމުގައިވީ ނަމަވެސް އެކަމާ ގުޅޭ އެއްވެސް ނިންމުމެއް ނުނިންމަވާ ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ ރާއްޖޭގެ ބައެއް ކަހަލަ މައްސަލަތައް ނުވަތަ އަޅުގަނޑުމެންނަށް މީގެ ކުރިން ވެސް ސިޔާސީ މަޝްރަހުގައި ދިމާވެފައި ހުރި ބައެއް ކަހަލަ ކަންކަމުގެ ސަބަބުން ކޮންމެވެސް މިންވަރެއްގެ ނުތަނަވަސް ކަމެއް އެކިއެކި ފަރާތްތަކާ ދޭތެރޭ ވަނީ އުފެދިފައި. އަޅުގަނޑުމެން ގަބޫލު ކުރިނަމަވެސް އަދި ނުކުރިއަސް ރާއްޖޭގެ ސިޔާސީ މަޝްރަހު މީގެ ކުރިން ދެކެފައިވާ ހަގީގަތް މުތާލިއާ ކުރަން މިޖެހެނީ ސިޔާސީ ގޮތުން އެކަނި ވިސްނާފައެއް ނޫން،" މުއާޒު ވިދާޅުވި އެވެ.

ކޮމަންވެލްތު މެމްބަރު ގައުމެއްގެ ގޮތުގައި ރާއްޖެ އޮތުމާ މެދު ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކޮށްފައިވާ އިރު ކޮމަންވެލްތުން ރާއްޖެ ވަކިވާން ވިސްނަމުންދާ ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވަނީ ދާދި ފަހުން ވިދާޅުވެފައި އެވެ.

ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ވިދާޅުވީ ކޮމަންވެލްތުގައި ރާއްޖޭން ބައިވެރިވެގެން އޮންނަނީ އެއީ މާއްދީ ގޮތުން މާބޮޑެތި ފައިދާތަކެއްވާ ޖަމާއަތެއް ވީމާ ނޫން ކަމަށެވެ.