އިސްލާމް އާބާދު (ޖުލައި 16) : ޕާކިސްތާނުގެ ސަރަހައްދަށް ހުއްދައަކާ ނުލައި ވަދެގެންއުޅުނު އިންޑިޔާގެ ޑްރޯން މަތިންދާބޯޓެއް ވައްޓާލިކަން ޕާކިސްތާނުން ހާމަކޮށްފި އެވެ.
ޕާކިސްތާނުގެ ސިފައިންގެ ބަޔާނެއް ބުނި ގޮތުގައި އިންޑިޔާގެ ޑްރޯން މަތިންދާބޯޓު އެގައުމުގެ ވައިގެ ސަރަހައްދަށް ވަދެފައިވަނީ ކަޝްމީރުގެ ފަޅިންނެވެ. މިމައްސަލާގައި އިންޑިޔާގެ ޚާރިޖިއްޔާ އިން ވަނީ އިސްލާމް އާބާދުގައި ހުންނަވާ އިންޑިޔާގެ ސަފީރު އެވުޒާރާއަށް ހާޒިރުކޮށް އިޙްތިޖާޖްގެ ލިޔުމެއް އޭނާއާ ހަވާލުކޮށްފަ އެވެ. ނަމަވެސް އިންޑިއާ އިން މިކަން ދޮގުކުރެ އެވެ. އިންޑިއާ ސިފައިންގެ ތަރްޖަމާނަކު ވިދާޅުވީ އެގައުމުގެ ބޯޓެއް ޕާކިސްތާނުގެ ވައިގެ ސަރަހައްދަށް ނުވަންނަ ކަމަށާ އަދި އެގައުމުގެ ޑްރޯނެއް ޕާކިސްތާނުން ވައްޓާލާފައި ވެސް ނުވާކަމުގަ އެވެ.

ޕާކިސްތާނުން ވަނީ އިންޑިއާގެ ބޯޓު ކަމަށްބުނާ ޑްރޯން ބޯޓެއް ވައްޓާލާފައިވަނިކޮށް ދައްކާވެސްފަ އެވެ. އެއީ ފޮޓޯނެގުމާއި ޖާސޫސީ މައުލޫމާތު އެއްކުރުމަށް މަސައްކަތްކުރި ބޯޓެއްކަމަށް ވެސް ޕާކިސްތާނުން ބުނެ އެވެ. މިހާދިސާ ހިނގާފައި މިވަނީ ރަޝިޔާގައި ބޭއްވި ސަމިޓް ބައްދަލުވުމެއްގައި އިންޑިޔާއާއި ޕާކިސްތާނުގެ ބޮޑުވަޒީރުން ބައްދަލުކުރެއްވިތާ ހަފްތާއެއްހާ ދުވަސްފަހުންނެވެ.

ޕާކިސްތާނާއި އިންޑިޔާއިން އެންމެފަހުން ޙަމަލާތައް ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ 2003 ވަނަ އަހަރުއެވެ. ނަމަވެސް ކަޝްމީރުގެ ލައިން އޮފް ކޮންޓްރޯލް މެދުވެރިކޮށް ދެފަރާތުގެ އެއްގަމު ސިފައިން ދޭތެރެއަކުން ޙަމަލާތައް ބަދަލުކުރަމުން ގެންދިއުމަކީ ވަރަށް އާންމު ކަމެކެވެ. (ބީބީސީ)