ކޮމިނިއުޓީ ހެލްތް އެންޑް ޑިޒީސް ކޮންޓޮރޯލް ޔުނިޓު (ސީސީއެޗްޑީސީ) ގެ ޑިރެކްޓާ ޖެނެރަލް ކަމުގެ މަގާމުގައި ހުންނެވި ޑރ. އަހުމަދު ޖަމްޝީދު މިއަދު އެ މަގާމުން އިސްތިއުފާދެއްވައިފި އެވެ.

ޑރ. ޖަމްޝީދު ވިދާޅުވީ އޭނާ އެ މަގާމުން އިސްތިއުފާދެއްވީ އެމަގާމުގައި ހުންނަވައިގެން މިހާރު ކުރެވޭނެ މަސައްކަތެއް ނެތުމުން ކަމަށެވެ. ނަމަވެސް ޑރ. ޖަމްޝީދު ވަނީ އޭނާ މަގާމުން އިސްތިއުފާދެއްވި ސަބަބުތަށް ހާމަކުރެއްވުމަށް ދެކޮޅު ހައްދަވާފަ އެވެ.

"ޕީއެސް (ޕާމަނަންޓް ސެކްރެޓަރީ) އަށް މިއަދު ހުށަހަޅާފައި ވާނީ އިސްތިއުފާގެ ސިޓީ. މިވަގުތު އެ މަގާމުގައި ވަޒީފާގައި ހުރެގެން ކުރެވޭނެ މަސައްކަތެއް ނެތީމަ، އޭގެ ތަފްސީލަކަށް އަޅުގަނޑު އާންމުކޮށް ދާކަށްނެތިން." ޑރ.ޖަމްސީދު ވިދާޅުވި އެވެ.

ސީސީއެޗްޑީސީ ގެ ޑިރެކްޓާ ޖެނެރަލްގެ މަގާމާ ޑރ. ޖަމްސީދު ހަވާލުވެ ވަޑައިގަތީ 2008 ވަނަ އަހަރުގެ ތެރޭގަ އެވެ. އޭގެ ހަތަރު އަހަރުފަހުން އެމަގާމުން މިއަދު އިސްތިއުފާދެއްވި އިރު އޭނާ ދެން ހިދުމަތް ކުރައްވާނެ ދާއިރާއެއް އަދި ނުނިންމަވަ އެވެ.

"އަޅުގަނޑަކީ ސިއްހީ ދާއިރާގެ މީހެއް. އެގޮތުން އަޅުގަނޑަށް ހިދުމަތް ކޮށްދެވޭނީ ސިއްހީ ދާއިރާއިން. ނަމަވެސް އެކަމަކު އަދި ވަކިގޮތެއް ނުނިންމަން،" ޑރ.ޖަމްސީދު ވިދާޅުވި އެވެ.

ޑރ.ޖަމްސީދު އަކީ މެޑިކަލް ޑޮކްޓަރެއްގެ އިތުރުން ކޮމިޔުނިޓީ ހެލްތް ގެ ދާއިރާއިން މަތީ ތައުލީމު ހާސިލް ކުރައްވާފައިވާ ގިނަ ދުވަސްތަކެއް ވަންދެން ރާއްޖޭގެ ސިއްހީ ދާއިރާއަށް ހިދުމަތް ކޮށްދެއްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ.

ސަން އަށް އެގިފައިވާ ގޮތުގައި ސީސީއެޗްޑީސީ އިން އަންނަނީ އައިޖީއެމްއެޗުން ދަރިފުޅު ނުވިހިންގެ ބޯ ބުރިކޮށްލި ކުޑަކުއްޖާގެ މައްސަލަ މިހާރު ތަހުގީގު ކުރަމުންނެވެ.