ހދ. ކުޅުދުއްފުށީ އަފީފުއްދީން ސްކޫލުގައި ނުވަ ކްލާސްރޫމުގެ އިމާރާތެއް އެޅުމަށް އައިލެންޑް ލައިން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި އެވެ.

މިއަދު އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ސަރުކާރުގެ ފަރާތުން އެ ކްލާސްރޫމްތައް އެޅުމަށް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރައްވާފައި ވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް އިސްމާއިލް އަލީއެވެ. އަދި އައިލެންޑް ލައިންގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރައްވާފައި ވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަދީޖާ އުމައިލާ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަަކަފުޅު ދައްކަވަމުން ޑެޕިއުޓީ މިނިސްޓަރު ވިދާޅުވީ މިއަދު ވެވުނު އެއްބަސްވުމުގެ ދަށުން އަފީފުއްދީން ސްކޫލުގައި ތިން ފަންގިފިލާގައި ޖުމްލަ ނުވަ ކްލާސްރޫމް އެޅޭނެ ކަމަށެވެ. އެއިން ކޮންމެ ފަންގިފިލައެއްގައި އިންނާނީ ތިން ކްލާސްރޫމް ކަމަށެވެ.

އެ އެއްބަސްވުމުގެ ދަށުން ކްލާސްރޫމްތައް އަޅާ އިމާރާތުގައި ފާހާނާ ބަރިއެއް އެޅުމަށް ވެސް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ އިމާރާތަކީ 4.4 މިލިއަން ރުފިޔާ ހަރަދު ކޮށްގެން އަޅާ އިމާރާތެއް ކަމަށް އޭނާ ވިދާޅުވި އެވެ.