އާ ގާނޫނުލް އުގޫބާތަކީ ރާއްޖޭގައި މިހާތަނަށް އެންމެ ޒަމާނީ ވިސްނުމާ އެކު ތައްޔާރު ކުރެވުނު ގާނޫނު ކަމަށް އެޓާނީ ޖެނެރަލް އޮފީހުން ބުނެފި އެވެ.

އާ ގާނޫނުލް އުގޫބާތަށް ރޭ 12:00 ފެށިގެން އަމަލުކުރަން ފެށުމާ ގުޅިގެން އޭޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ގާނޫނަކީ މިހާތަނަށް ދިވެހި ސަރުކާރުން އެންމެ ދިގު މުއްދަތަކަށް ދިރާސާކޮށް ރައްޔިތުންގެ މަޖިލީހުން އެކުލަވާލެވުނު ގާނޫނު ކަމަށެވެ. އަދި އެއީ އެންމެ ޒަމާނީ ވިސްނުމާ އެކު ތައްޔާރު ކުރެވުނު ގާނޫނު ކަމަށް ވެސް އޭޖީ އޮފީހުގެ ބަޔާނުގައި ބުނެފައިވެ އެވެ.

މިއަދުގެ ތާރީހުގައި ގާނޫނުލް އުގޫބާތަށް އަމަލުކުރަން ފެށުމަކީ ލިބިގެންދާ ވަރަށް ބޮޑު އުފަލެއް ކަމަށް ފާހަގަކުރައްވައި އޭޖީ އޮފީހުގެ ބަޔާނުގައި ބުނެފައި ވަނީ އާ ގާނުނަށް ހިޖުރަ ކުރުމަށް ޓަކައި ދައުލަތުގެ އެންމެހާ މުއައްސަސާތަކުން ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރުމަށް ޕީޖީ އަދި މޯލްޑިވްސް ޕޮލިސް ސާވިސްއަށް ބަންޑާރަނައިބުގެ ފަރާތުން އަންގާކަމަށެވެ.

އޭގެ އިތުރުން ރައްޔިތުންގެ މަޖިލީހުން 2013 ވަނަ އަހަރު ހުށަހަޅާފައިވާ ޖިނާއީ އިޖުރާއަތުގެ ބިލު އަވަހަށް ނިމި މިނިވަން ކަމަށް 50 އަހަރު ފުރޭ މި ދަނޑުވަޅުގައި ފާސްވުމަކީ ވަރަށް ބޮޑު އުންމީދެއް ކަމަށް ވެސް އޭޖީގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

ގާނޫނުލް އުގޫބާތު ވުޖޫދަށް ގެނައުމަށް މަސައްްކަތް ކުރެއްވި ހުރިހާ ފަރާތްތަކަށް އޭޖީގެ ބަޔާނުގައި ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.