އުމްރާއިން މީހުން އައުމާ އެކު ފެތުރިދާނެ ރޯގާތަކުނާއި "މާސް ކޮރޯނާވައިރަސް" އިން ރައްކާތެރިވުމަށް ދުރާލާ މަސައްކަތް ފަށާފައިވާ ކަމަށް، ހެލްތު ޕްރޮޓެކްޝަން އެެޖެންސީ(އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން މިއަދު ބުނީ މިދުވަސްވަރު ފެތުރިދާނެ ރޯގާތަކުން ރައްކާތެރިވުމުގެ ގޮތުން މިނިސްޓްރީ އާއި ކަމާ ގުޅުން ހުރި އެހެނިހެން މުއައްސަސާތަކާއި ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށާއި އެރޯގާތަކުން ސަލާމަތް ވުމަށް ހާއްސަ ސަލާމުކަމެއް ދިނުމަށް އުމްރާއިން އެނބުރި ވަޑައިގަންވާ ފަރާތްތަކާއި އެބޭފުޅުންގެ އާއިލާތަކަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

"އމްރާ ކުރެއްވުމަށް ފަހު ރާއްޖެ ވަޑައިގަންނަވާތާ 14 ދުވަސް ތެރޭގައި ހުން އައިސް ކެއްސާ އަދި ނޭވާލުމަށް އުނދަގޫވާ ފަދަ އަލާމާތެއް ފެނިއްޖެ ނަމަ ލަސް ނުކުރައްވާ އުމްރާވެރިންނަށް ހާއްސަ ކުރެވިފައިވާ ފުލޫކުލިނިކުތަކަށް ވަޑައިގެން ޑޮކްޓަރެއްގެ ލަފާ ހޯދެއްވުމަށް އިލްތިމާސް ކުރަން." އެޗްޕީއޭއިން ބުންޏެވެ.

އުމްރާއިން އަންނަ ފަރާތްތަކުގެ ހާއްސަ ފުލޫ ކުލިނިކް:

*އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް(އައިޖީއެމްއެޗް)

*ހުޅުމާލެ ހޮސްޕިޓަލް

*ހުރިހާ އަތޮޅު ހޮސްޕިޓަލްތައް

އުމްރާއިން އަންނަ ފަރާތްތަކުން ހުން އައުމާއި ކެއްސުން ފަދަ އަލާމާތެއް ފެނިއްޖެ ނަމަ އަނގަޔާއި ނޭފަތް ނިވާވާގޮތަށް މާސްކުއެޅުމާއި އެހެން މީހުންނާއި ގާތްނުވުމާއި މީހުން ގިނައިން އެއްވެ އުޅޭ ތަންތަނަށް ނުދިއުން ހިމެނެ އެވެ.