16 Jul 2015, 13:23
ޤާނޫނުލް އުޤޫބާތުން ރައްޔިތުންނަށް ލިބެމުންދިޔަ ވަރަށް ގިނަ ނާއިންސާފުތަކެއްގެ ނިމުން، އައު ޤާނޫނުލް އުޤޫބާތުން ގެނެސްދީފައިވާ ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފި އެވެ.
އާ ގާނޫނުލް އުގޫބާތަށް އަމަލުކުރަން ފަށާފަައިވާތީ މަރުހަބާ ކިޔުމުގެ ގޮތުން އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި އައު ޤާނޫނުލް އުޤޫބާތަށް ޢަމަލުކުރަން ފެށުމަކީ މިރާއްޖޭގެ ޖިނާޢީ ޢަދުލުގެ ނިޒާމަށް ހެޔޮ ބަދަލު ގެނައުމަށް ރައްޔިތުން ކުރަމުންދާ މަސައްކަތަށް ލިބިގެން ދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އެ ޕާޓީން ދެކޭ ކަމަށެވެ.
"ނަވާރަސަތޭކަ ފަސްދޮޅަހުގެ އަހަރުތަކުން ފެށިގެން ޢަމަލުކުރަމުން ދިޔަ މުސްކުޅި ޤާނޫނުލް އުޤޫބާތު ނިމުމަކަށް ގެނެސް، މިއަދު ޢަމަލުކުރަން ފެށުނު އައު ޤާނޫނުލްއުޤޫބާތަކީ ވަރަށް ބޮޑެތި ދިރާސާތަކަކަށް ފަހު އިސްލާމީ ޝަރީޢަތުގެ އުސޫލުތަކާއި ރާއްޖޭގެ އާދަކާދަތަކާއި ބައިނަލްއަޤުވާމީ ހަމަތަކާއި މިންގަނޑުތައް އެކުލެވިގެންވާ ގޮތުގެމަތިން މިޒަމާނާ އެއްގޮތަށް ތަރުތީބުކުރެވިފައިވާ ވަރަށް ތަނަވަސް ޤާނޫނުލް އުޤޫބާތެކެވެ." އެމްޑީޕީގެ ބަޔާނުގައިވެ އެވެ.
އާ ގާނޫނުލް އުގޫބާތަށް އެންމެ ފުރަތަމަ އަމަލުކުރަން މަޖިލީހުން ކަނޑައެޅީ މި އަހަރުގެ އޭޕްރީލް މަހުގެ 13 ވަނަ ދުވަހު އެވެ. ނަމަވެސް އޭގެފަހުން ވަނީ ޖުލައި 16 ވަނަ ދުވަހަށް ގާނޫނުލް އުގޫބާތަށް އަމަލުކުރުން ފަސްކުރަން ރައްޔިތުންގެ މަޖިލީހުން ވަނީ އިސްލާހު ގެނެސްފަ އެވެ.
އާ ގާނޫނުލް އުގޫބާތަށް އަމަލުކުރަން ފަށާފައިވާ އިރު، މާލޭގެ ބައެއް ކޯޓުތަކުގެ ފަނޑިޔާރުންނަށް ގާނޫނުލް އުގޫބާތަށް އަހުލުވެރި ކުރުމުގެ ސެޝަންތަކެއް ނަގާފައިވީ ނަމަވެސް އަތޮޅުތަކުގެ މެޖިސްޓްރޭޓުން އެއްވެސް ގޮތަކަށް ގާނޫނުލް އުގޫބާތަށް އަހުލުވެރި ކުރެވިފައެއް ނުވެ އެވެ.
ގާނޫނުލް އުގޫބާތުގައި ބަޔާންކޮށްފައިވާ ގޮތުން މެދު ދަރަޖައިގެ ތެރޭގައި ހިމެނޭ ކުށެއް ކުރި ދުވަހުން ފެށިގެން ތިން އަހަރުގެ ތެރޭގައި ދައުވާ ނުއުފުލައިފި ނަމަ، އޭގެފަހުން އެ މައްސަލައެއްގައި ދައުވާއެއް ނުއުފުލޭނެ އެވެ.
ބޮޑެތި ކުށްތަކުގެ ތެރޭގައި ހިމެނޭ ކުށެއް ކުރި ދުވަހުން ފެށިގެން އަށް އަހަރުގެ ތެރޭގައި ދައުވާ ނުއުފުލައިފި ނަމަ، އޭގެފަހުން އެމައްސަލައެއްގައި ދައުވާއެއް ނުއުފުލޭނެ އެވެ. ނަމަވެސް ގުރުއާނާއި ރަސޫލާގެ ސުންނަތުން ސާބިތުބާ ކުށްތައް އޭގެތެރޭގައި ނުހިމެނެ އެވެ.