ރައްޔިތުންގެ މަޖިލީހުގައި ވަޒީރުންނާ ކުރާ ސުވާލުތަކަށް ޖަވާބުދޭ ގޮތަށް ހަމަޖައްސާފައި ވަނީ އަންނަ ހަފްތާ އިން ފެށިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސްގެ މޭޒުން އިއްވަން ޖެހޭ ކަންތައްތަކުގެ ގޮތުގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ، ވަޒީރުންނާ ސުވާލު ކުރެއްވުމަށް ގިނަ އަދަދެއްގެ މެންބަރުން ސުވާލު ފޮނުއްވާފައިވާ ކަމަށެވެ. އަދި އެ ސުވާލުތައް ކަމާ ބެހޭ ވަޒީރުންނަށް މިހާރު ރައްދު ކުރެވިފައިވާ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

މަޖިލީހުގެ މެންބަރުންނާ މުހާތަބު ކުރައްވައި ޝާހިދު ވިދާޅުވީ، މެންބަރުންގެ ކުރިމަތީގައި ކުރިއަށް އޮތް އެޖެންޑާތަކަކީ ބުރަ އެޖެންޑާތަކެއް ކަމަށެވެ. އެހެންކަމުން އެ ޖެންޑާތައް ފުރިހަމަކުރެއްވުމަށް ހުރިހާ މެންބަރުން މަސައްކަތްކޮށްދެއްވުމަށް ވެސް އެދިވަޑައިގެންނެވި އެވެ. އަދި މަޖިލީހުގެ ކޮމިޓީ މަރުހަލާގައި މިހާރު އޮތް ގާނޫނުލްއުގޫބާތުގެ ބިލާއި ހެއްކާ ބެހޭ ބިލާއި ސިޔާސީ ޕާޓީތަކުގެ ބިލުގެ މަސައްކަތް ވަރަށް އަވަހަށް ނިންމަވައި ދެއްވުމަށް ވެސް މަޖިލީހުގެ ރައީސް މެންބަރުންގެ ކިބައިން އެދިވަޑައިގެންނެވި އެވެ.

މަޖިލީހުގެ ޖަލްސާ އަށް ބޭނުންވާ ލިއުންތައް ދެން ފެނިގެންދާނީ ކޮންމެ މެންބަރެއްގެ މޭޒުކޮޅުގައި ބަހައްޓާފައިވާ ސްކްރީންތަކުން ކަން ފާހަގަ ކުރައްވައި ޝާހިދު ވިދާޅުވީ، އެ ސިސްޓަމްތަކަށް މެންބަރުން އިތުރަށް އަހުލުވެރި ކުރުވުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދަވާނެ ކަމަށެވެ. އަދި މިއަދުގެ ޖަލްސާ 9:00ގައި ފައްޓަވާފައި ވަނީ ވެސް 8:30 އިން ފެށިގެން މެންބަރުން އެކަމަށް އަހުލުވެރި ކުރެއްވުމުގެ މަސައްކަތަށް ފަހުގައި ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.