16 Jul 2015, 12:31
މެކްސިކޯގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ހިންގާ ގޭންގެއްގެ ވެރިއެއް ކަމަށްމާ ޖޯގިން ގުޒްމަން ޖަލުން ފިލުމަށް އޭނާ ހުރި ޖަލުގެ ސެކިއިރިޓީ ގާޑުން އެހީވިތޯ ބެލުމަށް ތަހުގީގެއް ފަށައިފި އެވެ.
ވޭތުވެ ދިޔަ 14 އަހަރުގެ ތެރޭގައި ދެވަނަ ފަހަރަށްވެސް ގުޒްމަން ފިލާފައި ވަނީ މެކްސިކޯގެ އެންޓިޕްލާނޯ ފެޑެރަލް ޖަލުންނެވެ. އެ ޖަލަކީ މެކްސިކޯގައި މިހާތަނަށް އެންމެ ސެކިއުރިޓީ ވަރުގަދަ ޖަލު ކަމަށް މީޑިއާ ރިޕޯޓުތަށް ބުނެ އެވެ.
ގުޒްމަން ފިލި ޖަލުން ފެށިގެން 90 ކިލޯމީޓަރަށް ފުލުހުންނާއި ސިފައިން ޗެކްޕޮއިންޓްތަށް ހަދައިގެން ތަހުގީގެ މަސައްކަތް ދަނީ ކުރަމުންނެވެ.
މެކްސިކޯގެ ދައުލަތުގެ ޕްރޮސެކިއުޓުން މިހާތަނަށް ޖުމްލަ 50 މީހަކާ ވަނީ ގުޒްމަން ފިލި މައްސަލައާ ބެހޭގޮތުން ސުވާލުކޮށްފަ އެވެ.
އޭގެތެރޭގައި ގުޒްމަން އާއި އެކު ޖަލުގައި އުޅުނު 17 މީހަކާއި ގުޒްމަން ގެ ދެ ލޯޔަރުންގެ އިތުރުން އޭނާ ޖަލުން ފިލުމުގެ ކުރިން ބައްދަލު ކުރަން ކަމަށް ބުނެ ފޭކް އައިޑީއަކުން ޖަލަށް ވަންނަން އުޅުނު އަންހެނަކާވެސް ދައުލަތުގެ ވަކީލުން ވަނީ ސުވާލުކޮށްފަ އެވެ.
ގުޒްމަން ފިލިކަމަށް ބުނާ ދުވަހުގެ ކުރީރޭ އެންޓިޕްލާނޯ ފެޑެރަލް ޖަލުގެ އެކި ރޭންކުތަކުގެ 32 އޮފިސަރަކު ވަނީ އެޓާނީޖެނެރަލް އޮފީހުގެ އެންޓި އޮގަނައިޒް ކްރައިމް ޑިޕާޓްމެންޓް ޔުނިޓްގައި ވަގުތުތަކެއް ހޭދަކޮށްފައި ކަމަށް ދައުލަތުގެ ވަކީލުން ބުންޏެވެ. ނަމަވެސް އަދި މިހާތަނަށް އޭގެން އެއްވެސް މީހަކާ ސުވާލުކުރެވިފަ އެއް ނުވެ އެވެ.

ބިންގަރާހަށް ފައިބަން ހަދާފައިހުރި ހަރުގަނޑު ----- ފޮޓޯ: އޭޕީ
އޭގެ އިތުރުން ގުޒަމަން ފިލުމަށް ބޭނުން ކުރި 1.5 ކިލޯމީޓަރުގެ ބިންގަރާސް ނިމުނު ހިސާބުގައި ބޭނުންކޮށްފައި ހުރި ސާމާނުގެ ވެރިމީހާއާއި ވެސް ވަނީ ސުވާލުކޮށްފަ އެވެ. އޭނާއާއި ސުވާލު ކުރުމުގެ ބޭނުމަކީ އެތަކެއްޗަކީ ކުއްޔަށް ދީފައި ނުވަތަ މީހަކަށް ވިއްކާފައި ހުރި އެއްޗަކަށް ވާނަމަ އެ ދިނީ ކާކަށްތޯ ބަލަން ކަމަށް ދައުލަތުގެ ވަކީލުން ބުންޏެވެ.
މެކްސިކޯގެ މަޝްހޫރު ޑްރަގް ލޯޑު ޖަލުން ފިލާފައި ވަނީ 1.5 ކިލޯ މީޓަރުގެ ބިންގަރާހަކުން ކަމަށް މެކްސިކޯގެ ފުލުހުން ބުނެފައިވެ އެވެ. ބެލެވޭ ގޮތުން ޖަލުގެ ހޮޅުން ތިރިއަށް އޭނާ ފޭބީ އެ ބިންގަރާހަށެވެ.
ގުޒްމަން ފިލައިގެން ދިއުމާ ގުޅިގެން އޭނާ ހުރި ޖަލު ގޮޅީގެ ސީސީޓީވީ ފުޓޭޖްވެސް ފުލުހުން ވަނީ އާންމުކޮށްފަ އެވެ. އަދި އޭނާ ފިލިކަމަށް ބެލެވޭ ބިންގަރާހުގެ ފޮޓޯތަކެއް ވެސް މެކްސިކޯގެ ފުލުހުން ވަނީ އާންމުކޮށްފަ އެވެ.
އެ ފޮޓޯތަކުން ފެންނަ ގޮތުން ގުޒްމަން ފިލަން ބޭނުން ކުރި އެ ބިންގަރާސް ހަދާފައި ވަނީ ޖަލުގެ އަޑި އަޑިން ގޮސް ޖަލާ މާދުރުނޫން ގެއެއްގެ ތެރެއަށް ނިކުމެވޭ ގޮތަށެވެ. އަދި ބިންގަރާހުން މައްޗަށް އެރުމަށް އޭނާ ވަނީ ހަރުގަނޑެއް ބަހައްޓައިފަ އެވެ. އޭނާ ބިންގަރާހުން މައްޗަށް އަރާފައި ވަނީ އެ ހަރުގަނޑުންނެވެ.
ގުޒްމަން އަކީ ދުނިޔޭގައި މިހާތަނަށް ހިންގާފައިވާ ޑްރަގް ޓްރެފިކް ކުރުމުގެ އެންމެ ނުރައްކާތެރި އަދި ވަރުގަދަ އޮޕަރޭޝަންތަކުގައި އެންމެ އިސްކޮށް ހުރި ކަމަށް ބެލެވޭ މީހާ އެވެ.
އޭނާ މެކްސިކޯގެ ޖަލަކުން 2001 ވަނަ އަހަރު ފިލީ ލޯންޑްރީ ކާޓެއް ބޭނުންކޮށްގެންނެވެ. އަދި އޭގެ ފަހުން އޭނާ ހައްޔަރުކޮށް އަލުން ޖަލަށް ލާފައި ވަނީ މިދިޔަ އަހަރު އެވެ.