ޕައިލެޓް ޕްރޮގްރާމެއްގެ ދަށުން އެމެރިކާގައި ކުދި އާމްދަނީލިބޭ ފަރާތްތަކަށް ހިލޭ ނުވަތަ "ބޮޑު އަދަދަކަށް" ޑިސްކައުންޓު ދީގެން އިންޓަނެޓްގެ ހިދުމަތް ދިނުމަށް ވައިޓް ހައުސް އިން ނިންމައިފި އެވެ.

"ކަނެކްޓްހޯމް"ގެ ނަމުގައި ވައިޓް ހައުސް އިން ފެށި ޕައިލެޓް ޕްރޮޖެކްޓްގެ ދަށުން ގޫގަލް އާއި އިންޓަނެޓް ސާވިސް ޕްރޮވައިޑާސް ކަމަށްވާ ކޮޒް އާއި ސްޕްރިންޓް އަދި ކެންޗުއަރީ ލިންކް އިން 275،000 އެއްހާ ގެއަކަށް އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދޭނެ އެވެ.

އެމެރިކާގެ 27 ސިޓީއަކަށް ކަނެކްޓްހޯމްގެ ހިދުމަތް ދޭން ފަށާނެ ކަމަށް ވައިޓް ހައުސް އިން ވަނީ ބުނެފަ އެވެ. އޭގެތެރޭގައި އެޓްލެންޓާ އާއި ލޮސް އެންޖެލެސް އާއި ކްލީވްލެންޑް އާއި ނިއުމާކް އާއި ނިއު އޯލަންސް އަދި އޮކްލަހޯމާގެ ޗޮކްޓޯ ނޭޝަން ހިމެނެ އެވެ.

ވައިޓް ހައުސް އިން ބުނާ ގޮތުގައި ޕައިލެޓް ޕްރޮގްރާމްގެ ފުރަތަމަ ބުރު އަމާޒުކޮށްފައި ވަނީ ސްކޫލު ކުދިން އުޅޭ ކުޑަ އާމްދަނީގެ އާއިލާތަކަށް ކަމަށެވެ.

އެ ޕްރޮގްރާމްގެ ދަށުން އެޓްލެންޓާ އާއި ޑާހެމް އާއި ކެންސަސް ސިޓީ އަދި ނެޝްވިލް އަށް ގޫގަލް ފައިބާ ބޭނުންކޮށްގެން އިންޓަނެޓް ހިލޭ ފޯރު ކޮށްދޭނެ އެވެ. އަދި ކޮޒް ބޭނުންކޮށްގެން މޭކަން އާއި ގޯޖިއާއާއި ބަޓޫން ރޫޖް އަދި ނިއު އޯލެންސް އަށް 9.99 ޑޮލަރު މަހަކު ދައްކާ ގޮތަށް އިންޓަނެޓްގެ ހިދުމަތް ދޫކުރެވޭނެ އެވެ.