16 Jul 2015, 11:35
އެގާރަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ މި ސަރުކާރުގެ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމު ލޮލުގެ ފަރުވާއެއް އަނެއްކާ ވެސް އައިޖީއެމްއެޗް ހޮސްޕިޓަލުން ފަރުވާދީފި އެވެ.
މީގެ ހަފްތާއެއްކުރިން ވެސް ވަނީ ނާޒިމުގެ ލޮލުގެ މައްސަލައަކަށް އައިޖީއެމްއެޗް ހޮސްޕިޓަލްއިން ފަރުވާ ދީފަ އެވެ.
ނާޒިމްގެ އާއިލާ މެމްބަރަކު ސަން އަށް މިއަދު ވިދާޅުވީ މިއަދު 11:00 ޖަހާ އެހާކަންހާއިރު ނާޒިމް އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް ލޮލުގެ ފަރުވާ ދެމުން އަންނަ ކަމަށެވެ.
ނާޒިމްގެ އެއްބަނޑު އެއްބަފާ ކޮއްކޮ އާދަމް އާޒިމް ކުރިން ވިދާޅުވީ ނާޒިމް ލޮލުގައި ރިއްސާތީ ކުރިން ވެސް އުޅޭ ކަމަށާއި އެނޫނީ ހާލު ރަނގަޅު ކަމަށެވެ.
ނާޒިމް އަށް ވަނީ މީގެ ކުރިން އޭޑީކޭ ހޮސްޕިޓަލުން ދަތުގެ ފަރުވާ ވެސް ދީފަ އެވެ. އަދި ދާދިފަހަކުން ވަނީ ސިންގަޕޫރުން ވެސް ފަރުވާދީފަ އެވެ.
ނާޒިމް 11 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައި ވަނީ މިދިޔަ މާޗު މަހުގެ 27 ވަނަ ދުވަހު އެވެ.
އޭނާގެ މައްޗަށް ހުކުމް އިއްވާފައި ވަނީ ދައުލަތުން އޭނާގެ މައްޗަށް އުފުލި ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށުގެ ދައުވާ ޝަރީއަތަށް ސާބިތުވުމުންނެވެ.