އެމެރިކާގެ ކުރީގެ ރައީސް ޖޯޖް އެޗު ޑަބްލިޔު ބުޝް އިއްޔެ ވެއްޓި ކަރަށް އަނިޔާވެއްޖެ އެވެ. ނަމަވެސް އޭނާ ފުރާނަ އަށް ނުރައްކާ ވަރުގެ ކަމެއް ނުވާ ކަމަށާއި ހޮސްޕިޓަލުގައި މާ ގިނަ ވަގުތުތަކެއް ނުކޮށް ދޫކޮށްލާނެ ކަމަށް ބުޝްގެ އާއިލާއާ ހަވާލާދީ ރޮއިޓާސް އިން މިއަދު ބުންޏެވެ.

އެމެރިކާގެ 41 ވަނަ ރައީސް ބުޝް،91، އަށް ނޭވާލުމަށް އުނދަގޫވެގެން މި ދިޔަ އަހަރު ޑިސްމްބަރު މަހު ވެސް ވަނީ ހަފްތާއެއް ހާ ދުވަހު ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވައިފި އެވެ.

"ރައީސް 41 ވެއްޓި ކަރުގެ ކަށިގަނޑެއް ވަނީ ބިނދިފައި،" ބުޝްގެ ތަރުޖަމާން ވިދާޅުވި އެވެ. "ބުޝްގެ ހާލުކޮޅު ރަނގަޅު އެކަމަކު ނެކް ބްރޭސް އަޅާފައި ވަނީ."

ޖޯޖް ބުޝްއަކީ އެމެރިކާގެ ކުރީގެ ރައީސް ޑަބްލިޔު ބުޝްގެ ބައްޕަ އެެވެ. އަދި ފޮލޮރިޑާގެ ކުރީގެ ގަވަރުނަރު ޖެބް ބުޝް އަކީ 2016 ވަނަ އަހަރު އޮންނަ އިންތިހާބުގައި ރެޕަބްލިކަން ޕާޓީގެ ޓިކެޓަށް މަސައްކަތް ހޯއްދަވަން މަސައްކަތް ކުރާ ބޭފުޅެކެވެ.

ބައްޕަ ބުޝް ވަނީ ރޮނާލްޑް ރޭގަންގެ ދެ ދައުރުގެ ވެރިކަމުގައި ނާއިބު ރައީސްކަން ކުރައްވައިފަ އެވެ. އަދި އެ އަށް ފަހު އެއް ދައުރު ރައީސްކަން ކުރައްވައިފަ އެވެ.

އިރާގްގެ ކުރީގެ ރައީސް ސައްދާމް ހުސައިން ކުވައިތު ހިފުމުން ކުވައިތަށް އެމެރިކާ ސިފައިން ފޮނުވައި އިރާގު ސިފައިން ކުވައިތުން ބޭލީ ޖޯޖް ބުޝްގެ ވެރިކަމުގަ އެވެ.