19:00


އެމެރިކާގެ ވެރިރަށް ވޮޝިންޓަންގައި ހޯމަ ދުވަހު ފެށި ނިއުކްލިއާ ސަމިޓް އިއްޔެ ނިންމާލައިފި އެވެ.


ދުނިޔޭގެ ތަފާތު ކަންކޮޅުތަކުން 47 ގައުމަކުން ބައިވެރިވި މި ސަމިޓް ނިންމާލުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން ގައުމުތަކުގެ ލީޑަރުން ވަނީ ދުނިޔޭގައި ހަރަކާތްތެރިވާ ނުރައްކާތެރި ހަނގުރާމަވެރިންގެ ޖަމާއަތްތަކަށް ނިއުކްލިއާ ހަތިޔާރު ބޭނުންކުރެވޭނެ ފުރުސަތު ނުދިނުމަށްޓަކައި، ގުޅިގެން މަސައްކަތްކުރެއްވުމަށް ވައުދުވެވަޑައިގެންފަ އެވެ.


ސަމިޓް ނިންމާލައްވަމުން އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިދާޅުވެފައި ވަނީ ސަމިޓްގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ލީޑަރުންނަށް ވެސް މި މައްސަލައިގެ ނުރައްކާތެރިކަން ވިސްނިވަޑައިގަންނަވާ ކަމަށާއި އެބޭފުޅުން މިސަމިޓްގައި އެއްބަސްވެވަޑައިގެންނެވި ކަންތައްތަކަށް އިހުތިރާމްކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.


ސަމިޓްގައި ވާހަކަފުޅު ދެއްކެވި ގިނަ ލީޑަރުން ފާހަގަކުރައްވާ ގޮތުގައި ނިއުކްލިއާ ހަތިޔާރުތަކުގެ ނުރައްކަލުން ގައުމުތަކަށް ސަލާމަތްވެވޭނީ ހަނގުރާމަވެރިންގެ ޖަމާއަތްތަކަށް މިހަތިޔާރުތައް ބޭނުންކުރުމަށް ޓަކާ ބޭނުންވާ މައުލޫމާތާއި ވަސީލަތްތައް ލިބުނަ ނުދީ ހިފެހެއްޓިގެން. ނަމަވެސް އޭގެ ސަބަބުން ގައުމުތަކުން ހެޔޮގޮތުގައި ނިއުކްލިއާ ހަކަތަ ބޭނުންކުރުމަށް އެއްވެސް ހުރަހެއް އެޅިގެން ނުވާނެ ކަމަށް ވެސް އެ ބޭފުޅުން ވިދާޅުވި އެވެ.


ނިއުކްލިއާ ސަމިޓެއް ދެން ބާއްވަން ހަމަޖެހިފައިވަނީ 2012 ވަނަ އަހަރު ދެކުނު ކޮރެޔާގަ އެވެ.