16 Jul 2015, 10:27
އިސްލާމިކް ސްޓޭޓް އޮފް އިރާގް އެންޑް ސީރިއާ (އައިއެސްއައިއެސް) އާ ދެކޮޅަށް ކުރިއަށް ގެންދާ އޮންލައިން ހަނގުރާމައިގައި އުރުދުންގެ ކުރީގެ ރީތީގެ ރާނީ އަދި ހެކްޓިވިސްޓް ލާރާ އަބްދުއަލާތު ބައިވެރިވެއްޖެއެވެ.
އައިއެސްގެ ހަނގުރާމަވެރީންގެ އަތްދަށުވި، އުރުދުންގެ ރޯޔަލް އެއާފޯސްގެ ޕައިލެޓެއް ކަމަށްވާ މުއާޒް އަލް ކަސާސިބާ، ދިރިހުއްޓައި އަންދައިލާ ރަހުމްކުޑަ މަންޒަރު ދައްކުވައިދޭ ވީޑިއޯ ބެލުމަށްފަހު ލާރާ ވަނީ، އައިއެސްގެ އޮންލައިން ހަރަކާތްތައް ހުއްޓުވުމަށް މަސައްކަތްތަކެއް ކުރުމަށް އަޒުމްކަނޑައަޅައިފައެވެ.
"އެއީ އަހަރެމެންގެ އެތައް ބަޔަކަށް ދެވުނު ވޭކަޕް ކޯލެއް، މިއީ އަމަލުކުރަންވީ ވަގުތު،" 2010 ވަނަ އަހަރު ޖޯޑަންގެ ރީތީގެ ރާނީގެ ޝަރަފް ހޯދި ލާރާ ވޮކޭޓިވް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.
މިސް އެރެބް ވޯލްޑް 2011ގެ ދެވަނައަށް ހޮވުނު، މިހާރު އުމުރުން 33 އަހަރުގެ ލާރާއަކީ، އެނޮނިމަސް ހެކްޓިވިސްޓް ގްރޫޕްތައް ކަމަށްވާ ކޮންޓްރޯލް ސެކްއާއި ގޯސްޓްސެކްގެ މެންބަރެކެވެ.
ލާރާ ބުނީ، ޗާލީ އެބްދޫއާ ދެކޮޅަށް ޕެރިހުގައި ދިން ހަމަލާއިން، އައިއެސްއައިއެސްގެ ބާރު އިންޓަނެޓުގައި ފެތުރިފައިވާ މިންވަރު ހާމަވެގެން ގޮސްފައިވާ ކަމަށާއި، އެހެންކަމުން އޭނާއާ ގުޅިފައިވާ ހެކަރުންގެ ގެރޫޕްގެ މަސައްކަތަކަށް ވާނީ، އައިއެސްގެ އޮންލައިން ހަރަކާތްތަ އިތުރަށް ފުޅާވިޔަ ނުދިނުމާއި އެފަދަ ހައްދުފަހަނަޅާފައިވާ ފަރާތްތަކުން ފަތުރަމުންގެންދާ އޮންލައިން ޕްރޮޕަގެންޑާތައް ހުއްޓުވުން ކަމަށެވެ.

އުރުދުންގެ 2010 ވަނައަހަރުގެ ރީތީގެ ރާނީ ލާރާ އަބްދުއަލާތު: އޭނާ ވަނީ އައިއެސްއާ ދެކޮޅަށް ހިންގާ އޮންލައިން ހަނގުރާމައިގައި ހަރަކާތްތެރިވާން ފަށާފައި -- ފޮޓޯ: ވޮކޭޓިވް
ގޯސްޓްސެކްއާ ލާރާ ގުޅުނީ މީގެ ހަމަސް ކުރީންނެވެ. އޭނާ ހާމަކުރިގޮތުގައި ގޯސްޓްސެކް އެކުލެވިގެންވަނީ ކުރިން މިލިޓަރީގައި ކޮމްޕިއުޓަރު ސެކިއުރިޓީގައި ހަރަކާތްތެރިވެފައިވާ ގިނަ ބައެއްގެ މައްޗަށެވެ. އޭގެ އިތުރުން ކޮންޓްރޯލްސެކްގެ 70 އިންސައްތަ މުވައްޒަފުންނަކީ އަންހެނުން ކަމަށްވެސް އޭނާ ބުންޏެވެ.
"އަހަރެން ކުޑަކޮށްވެސް ފަރުވާލެއް ނެތް، ރީތީގެ ރާނީއެއް އައިއެސްގެ ހަރަކާތްތައް ހުއްޓުވާތަން ފެނުމުން އެމީހުން ހީކޮށްފާނެ އެއްޗަކާމެދު. ލާރާ ލާރާ އަބްދުއަލާތު
"އަހަރެމެންގެ ތެރޭގައި ތަފާތު ބެކްގްރައުންޑްގެ މީހުން އެބަތިބި، އެކަމަކު އަހަރެމެން މަސައްކަތްކުރަނީ އެއް އަމާޒަކަށް. އެއީ އައިއެސްއައިއެސްގެ ބާރު ކަނޑުވާލާޢި އެ ޖަމާއަތް ނެތިކޮށްލުން،" އައިއެސްއާ ދެކޮޅަށް ގިނަ އަދަދެއްގެ ސައިބަ-އެކްޓިވިސްޓުން ހަނގުރާމަކުރަމުންދާކަން ފާހަގަކުރަމުން ލާރާ ބުންޏެވެ.
ލާރާ ބުނީ، އައިއެސްގެ އިންޓަނެޓް ހަރަކާތްތަކާއި ބިރުދެއްކުންތައް ހުއްޓުވުމަށް މީގެ ކުރީން ރަނގަޅަށް މަސައްކަތް ކުރެވިފައި ނުވާ ކަމަށާއި، އެހެންކަމުން އެންމެން ގުޅިގެން އިންސާނިއްޔަތަށްޓަކައި މަސައްކަތްކުރަން އެބަ ޖެހޭ ކަމަށެވެ.
ގޯސްޓްސެކް އިން ބުނާގޮތުގައި އެ ގްރޫޕުން މިހާރުވެސް ވަނީ، މެދުއިރުމަތީގައި އައިއެސްއިން ހިންގާ ވަރުގަދަ އޮންލައިން ދެ ފޯރަމެއް ހުއްޓުވައިފައެވެ.
"އަހަރެމެން މިހާރުވެސް ޔަގީންކަންދެން އެމީހުންގެ ކޮމިއުނިކޭޝަން އަދި ޓެކްނިކަލް އިންފްރާސްޓްރަކްޗަރަށް ބޮޑެތި ގެއްލުންތަކެއް ދެވިފައިވާކަން،" ލާރާ ބުންޏެވެ.
"އަހަރެމްނެ ވާނީ މިހާތަނަށް އިސްލާމިކް ސްޓޭޓްގެ 100 އަށްވުރެ ގިނަ ވެބްސައިޓް ޑައުންކޮށްލާފައި، އެމީހުން އިންޓެލިޖެސް ހޯދުމާއި، މީހުން ތަމްރީނުކޮށް މީސްތަކުންގެ މެދުގައި ބިރުވެރިކަމާއި ޕްރޮޕަގެންޑާ ފަތުރަން ބޭނުންކުރާ 55،000 ޓްވިޓާއެކައުންޓް ސަސްޕެންޑްކޮށްފިން،" ޖޯޑަންގެ ރީތީގެ ރާނީ ބުންޏެވެ.