ގައުމީ ޔުނިވާސިޓީގެ ކައުންސިލަށް ޔުނިވާސިޓީގެ ކުރީގެ ޑެޕިއުޓީ ވައިސް ޗާންސެލަރު ފައްޔާޒު އަލިމަނިކާއި އަބްދުﷲ ރާޒީއާ އަބްދުﷲ އަފީފު މިއަދު ހޮވައިފި އެވެ.

ޔުނިވާސިޓީގެ ކައުންސިލަށް ފައްޔާޒު ހޮވިވަޑައިގަތީ ޔުނިވާސިޓީގެ އެކަޑަމީ ސެނެޓްގެ ދާއިރާއިންނެވެ. އިންޖިނިއަރިންގެ ލެކްޗަރާ އަބްދުﷲ އަފީފް ހޮވިވަޑައިގެންނެވީ އެކަޑަމިކް ސްޓާފުންގެ ތެރެއިން ނެވެ. އަދި ހަމައެއާއެކު އަބްދުﷲ ރާޒީ ހޮވިވަޑައިގަތީ ދަރިވަރުންގެ ތެރެއިން ނެވެ.

އިންތިހާބުގައި އެކަޑަމިކް ސްޓާފުންގެ ތެރެއިން 73 ޕަސެންޓް މުވައްޒަފުން ވޯޓުގައި ބައިވެރިވި އިރު އެކަޑަމިކް ސެނެޓްގެ 92 ޕަސެންޓް މީހުން ވޯޓުލާފައި ވެއެވެ.

ގައުމީ ޔުނިވާސިޓީގެ ގާނޫނަށް ދާދި ފަހުން ރައްޔިތުންގެ މަޖިލީހުން ގެނެސްފައިވާ އިސްލާހުގައި ބުނެފައި ވަނީ ޔުނިވާސިޓީގެ ކައުންސިލުގައި ހިމެނޭ 13 މެމްބަރުންގެ ތެރެއިން 9 މެމްބަރުން އައްޔަން ކުރާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ.

ޔުނިވާސިޓީގެ ކައުންސިލަށް ރައީސް ޔާމީން އައްޔަން ކުރެއްވި ބޭފުޅުންނަކީ އިންފޮމޭޝަން ކޮމިޝަނަރު ކަމުގެ މަގާމުގައި ހުންނެވި އަބްދުލް އަޒީޒު ޖަމާލު އަބޫބަކުރާއި ހުސައިން ފާއިޒާއި މުހައްމަދު ލުވެއިޒާއި އިސްމާއިލް ވިޝާމުގެ އިތުރުން ޑރ. ފާތުމަތު ނަޒްލާ ރަފީގު އެވެ.

ގައުމީ ޔުނިވާސިޓީގެ ޗާންސެލަރު ކަމުގެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު ޒާހިރު ހުސައިން އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރު ކަމަށް ބަދަލު ކުރެއްވުމަށްފަހު ގައުމީ ޔުނިވާސިޓީގެ ޗާންސެލަރަކަށް ރައީސް ޔާމީން އައްޔަން ކުރެއްވީ ސިވިލް ސާވިސް ކޮމިޝަންގެ ރައީސްކަމުގައި ހުންނެވި ޑރ. މުހައްމަދު ލަތީފެވެ.

ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ކަމަށް އައްޔަން ކުރެއްވީ ޑރ. އަލީ ފަވާޒް ޝަރީފެވެ.