އެތަކެއް ދުވަހެއްގެ ބުރަ މަސައްކަތް ތަކަށްފަހު މިދިޔަ އަހަރުގެ އޭޕްރީލް މަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރި އާ ގާނޫނުލް އުގޫބާތަށް އަމަލުކުރަން ފަށައިފި އެވެ.

ގާނޫނުލް އުގޫބާތަށް އެންމެ ފުރަތަމަ އަމަލުކުރަން މަޖިލީހުން ކަނޑައެޅީ މި އަހަރުގެ އޭޕްރީލް މަހުގެ 13 ވަނަ ދުވަހު އެވެ. ނަމަވެސް އޭގެފަހުން ވަނީ ޖުލައި 16 ވަނަ ދުވަހަށް ގާނޫނުލް އުގޫބާތަށް އަމަލުކުރުން ފަސްކޮށްފަ އެވެ.

މިއަދު ގާނޫނުލް އުގޫބާތަށް އަމަލުކުރަން ފަށާފައިވާއިރު، ގާނޫނުލް އުގޫބާތަށް އަހުލުވެރިކުރުވުމަށް އެޓާނީޖެނެރަލް އޮފީހުގެ ލީގަލް ސެކްޓާ ރިސޯސަސް ސެންޓަރުން ވަނީ ކޮށްފަ އެވެ.

ގާނޫނުލް އުގޫބާތަށް ފުލުހުންނާއި ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގެ ޕްރޮސިކިއުޓަރުން ވަނީ އަހުލުވެރިކޮށްފައެވެ. އެ މަސައްކަތް ކުރެއްވީ ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމެވެ.

އާ ގާނޫނުލް އުގޫބާތަށް އަމަލުކުރަން ފަށާފައިވާއިރު، މާލޭގެ ބައެއް ކޯޓުތަކުގެ ފަނޑިޔާރުންނަށް ގާނޫނުލް އުގޫބާތަށް އަހުލުވެރި ކުރުމުގެ ސެޝަންތަކެއް ނަގާފައިވީނަމަވެސް އަތޮޅުތަކުގެ މެޖިސްޓްރޭޓުން އެއްވެސް ގޮތަކަށް ގާނޫނުލް އުގޫބާތަށް އަހުލުވެރި ކުރެވިފައެއް ނުވެއެވެ.

ޝަމީމް މިއަދު ސަން އަށް ވިދާޅުވީ އާ ގާނޫނުލް އުގޫބާތުގެ ސަބަބުން ޝަރުއީ ނިޒާމަށް ވަރަށްބޮޑު އިންގިލާބީ ބަދަލެއް އަންނާނެ ކަމަށެވެ. އަދި މިއީ ގާނޫނެއްގެ ޒަރިއްޔާއިން ފަނޑިޔާރުންނަށް ހުކުމް ކުރެވޭނެ އުސޫލެއް ކިޔައިދެވޭ ފުރަތަމަ ފަހަރު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޝަރުއީ ނިޒާމަށް ވަރަށް ބޮޑު އިންގިލާބީ ބަދަލެއް އަންނާނެ. ފަނޑިޔާރުންނަށް ހުކުމްކުރާނެ އުސޫލެއް ގާނޫނެއްގެ ޒަރިއްޔާ އިން ކިޔައިދެވޭނެ. މިސާލަކަށް އަދަބުދޭއިރު ކިހިނެތްތޯ ދޭނީ، ކޮންގޮތަކަށްތޯ ވިސްނަންވީ. އަދަބު ބޮޑުވާނީ ކޮންކަމެއް ކުރީމަތޯ ކުޑަވާނީ ކޮންކަމެއް ކުރީމަތޯ އެހުރިހާ ތަފްސީލެއް މި ގާނޫނުގައި ލިޔެވިފައި އެހެރީ،" ޝަމީމް ވިދާޅުވި އެވެ.

ކުރީގެ ޑެޕިއުޓީ ޕީޖީ ހުސައިން ޝަމީމް ---- ސަން ފައިލް ފޮޓޯ

ޝަމީމް ވިދާޅުވީ ގާނޫނުލް އުގޫބާތު ބައްޓަން ވެފައި ވަނީ ފުލުހުންނަށް ވެސް ފަސޭހަވާނެ ގޮތަށް ކަމަށާއި އާންމުންނަށް ވެސް ގާނޫނުލް އުގޫބާތާ ބެހޭ މައުލޫމާތު ދިނުމަށް ފަސޭހަވާނެ ކަމަށެވެ.

"ކުށެއްކަމަށް ބުނާ ހުރިހާ ކަމެއް އެހެރީ ލިޔެވިފަ. ފުލުހުންނަށް ކިޔައިދެވޭނެ މި މާއްދާގެ ދަށުން ކުށްވެރިވަނީ މިހެންވީމައޭ. އޮޅުމެއް ނެތްގޮތަށް އާންމުންނަށް ވެސް ފަސޭހައިން އެނގޭގޮތަށް. އެހެންވީމަ ވަރަށް ބޮޑުތަން ފަސޭހަވެގެންދާނެ،" ޝަމީމް ވިދާޅުވި އެވެ.

ގާނޫނުލް އުގޫބާތުގައި ބަޔާންކޮށްފައިވާގޮތުން މެދު ދަރަޖައިގެ ތެރޭގައި ހިމެނޭ ކުށެއް ކުރި ދުވަހުން ފެށިގެން ތިން އަހަރުގެ ތެރޭގައި ދައުވާ ނުއުފުލައިފިނަމަ، އޭގެފަހުން އެ މައްސަލައެއްގައި ދައުވާއެއް ނުއުފުލޭނެ އެވެ.

ބޮޑެތި ކުށްތަކުގެ ތެރޭގައި ހިމެނޭ ކުށެއް ކުރި ދުވަހުން ފެށިގެން އަށް އަހަރުގެ ތެރޭގައި ދައުވާ ނުއުފުލައިފިނަމަ، އޭގެފަހުން އެމައްސަލައެއްގައި ދައުވާއެއް ނުއުފުލޭނެ އެވެ. ނަމަވެސް ގުރުއާނާއި ރަސޫލާގެ ސުންނަތުން ސާބިތުބާ ކުށްތައް އޭގެތެރޭގައި ނުހިމެނެއެވެ.