15 Jul 2015, 23:52
ޗެލްސީގެ ކޯޗު ހޯޒޭ މޮރީނިއޯ އާއި އެތުލެޓިކޯ މެޑްރިޑްގެ ކޯޗު ޑިއެގޯ ސިމިއޯނީ އަކީ ވެސް ވަރަށް މޮޅު ދެ ކޯޗުން ކަމަށާއި އެ ދެ ކޯޗުން އަޅައިކިޔުމަކީ ފަސޭހަކަމެއް ނޫންކަމަށް ޗެލްސީގެ ގޯލް ކީޕަރު ތިބައު ކޯޓުއާ ބުނެފިއެވެ.
އުމުރުން 22 އަހަރުގެ ބެލްޖިއަމް ކީޕަރު، އަލް އަރަބިއްޔާ ޓީވީއަށް ދިން ޚާއްސަ އިންޓަވިއުއެއްގައި ބުނީ، މޮރީނިއޯއާ ސިމިއޯނީއަކީ ހުރިހާ ގޮތަކުންވެސް ވަރަށް ފާހަގަކޮށްލެވޭ ދެކޯޗުން ކަމަށާއި އެ ދެކޯޗުންގެ ފެންވަރު އަޅައިކިއުމަކީ ފަސޭހަކަމެއް ނޫންކަމަށެވެ.
"އެ ދެކޯޗުން ކޮމްޕެއާކުރުމަކީ ފަސޭހަކަމެއް ނޫން. ދެ ކޯޗުންނަކީ ޓެކްޓިކަލީ އަދި ވަރަށް ރަނގަޅަށް މަސައްކަތްކުރާ ދެ ކޯޗުން. އެ ދެމީހުންގެ ހަމަ އެކަނި ތަފާތަކީ، ޓްރެއިނިން ކުރިއަށް ގެންދާ ގޮތާއި ކުޅުންތެރީންނަށް އެޕްރޯޗްކުރާގޮތް،" ސިމިއޯނީއާއި މޮރީނިއޯ އަކީވެސް މޮޅު ދެ ޓްރެއިނަރުންކަމަށާއި މުބާރާތްތައް ކާމިޔާބުކޮށްގެން އެކަން އަމަލުން ދައްކާފައިވާކަން ފާހަގަކުރަމުން ކޯޓުއާ ބުންޏެވެ.
މިސީޒަންގައި މޮރީނިއޯގެ އިރުޝާދުގެ ދަށުން ޗެލްސީއާއެކު އިނގިރޭސި ޕްރިމިއަ ލީގު ކާމިޔާބުކުރި ކޯޓުއާ ވަނީ މިދިޔަ ސީޒަންގައި ސިމިއޯނީގެ އިރުޝާދުގެ ދަށުން އެތުލެޓިކޯ މެޑްރިޑާއެކު ސްޕެނިޝް ލަލީގާ ކާމިޔާބުކޮށްފައެވެ.
"ލަލީގާއާއި ޕްރިމިއަ ލީގު ކާމިޔާކު ކުރެވުމަކީ ވަރަށް ބޮޑު އުފަލެއް. ސަބަބަކީ އެއީ ދުނިޔޭގެ އެންމެ ވަރުގަދަ ދެ ލީގު. އެގޮތުން މިދިޔަ ސީޒަނާއި މިސީޒަންގައި ވެސް ލީގު ކާމިޔާކުރެވުމުން ފަހުރުވެރިވަން. އެއީ ފުޓްބޯޅަ ކުޅުންތެރިއަކު އަބަދުވެސް ބޭނުންވާނީ މުބާރާތްތައް ކާމިޔާބުކުރަން،" ކޯޓުއާ ބުންޏެވެ.
ކޯޓުއާ ބުނީ، އޭނާގެ ފޭވަރިޓް ގޯލް ކީޕަރަކީ، ރެއާލް މެޑްރިޑްގެ ކުރީގެ ގޯލްކީޕަރު އިކާ ކަސިއަސްއާއި މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ގޯލް ކީޕަރު އެޑްވިން ވެންޑަސާ ކަމަށެވެ.
"އަހަރެން ޅައުމުރުގައި ކަސިއަސް ވަރަށް ކަމުދޭ. ދެން އޭގެ ފަހުން ވެންޑަސާ. ސަބަބަކީ އެ ދެ ކީޕަރުންގެވެސް ކުޅުމުގައި ވަރަށް އެއްގޮތް ކަންތަކެއް ހުރޭ،" ކޯޓުއާ ބުންޏެވެ.