16 Jul 2015, 10:25
ރަށެއްގެ ކައުންސިލްގެ ރައީސަކު ވިދާޅުވި ގޮތުގައި އެރަށުން ޒަކާތް ބޭނުންވާ ފަގީރުން ނަން ނޯޓް ކުރުމަށް ފުރުސަތު ހުޅުވާލުމުން އެރަށުގެ ނިސްބަތުން "މަހުޖަނުން" ވެސް ވަނީ ޒަކާތް ހޯދުމަށް ނަން ނޯޓްކޮށްފަ އެވެ. ޒަކާތް ދޫކުރަން ފެށުމާ އެކު ފަގީރުންގެ އެހައްގުތައް ތަނަވަސްކަން ލިބިގެންވާ އެތައް ބަޔަކުވެސް ނަގައިގެން ގޮސް ބޭނުންކޮށްލަނީ ޒަކާތުގެ މާތް މަގުސަދުވެސް ތިމާއަށް ނޭނގޭ ހާލުގައި ކަހަލަ އެވެ.
ޒަކާތަކީ އިސްލާމް ދީނުގައި މާތްމަގުސަދެއްގައި މާތް ﷲ ކަނޑައަޅުއްވާފައިވާ ފަގީރުންގެ ހައްގެކެވެ. ނަމަވެސް އެ ޒަކާތް ހޯދުމަށް ފުދުންތެރި އެތައްބަޔަކު ވެސް ގޮސްތިބުމަކީ ރާއްޖޭގައި މިހާރަކަށް އައިސް ވަރަށްބޮޑަށް އާންމުވެފައިވާ ކަމެކެވެ. ޒަކާތް ދޫކުރާ މަރުކަޒުތަކަށް ގޮސް ނަޒަރު ހިންގާލުމުން ވެސް މިކަން ވަރަށް ރަނގަޅަށް ސާފުވާނެ އެވެ. ހާއްސަކޮށް އަތޮޅުތެރޭގެ ރަށްރަށުގައި މިކަން ބޮޑަށް ފާހަގަކުރެވެ އެވެ.
"އަޅުގަނޑުމެން ފުރަތަމަ ދޫކުރީ މުދަލު ޒަކާތް. ވަރަށް ބޮޑަށް އެކަން [ފުދުންތެރިން ޒަކާތް ބަލައި އަންނަކަން] އެބަހުރި ފާހަގަ ވެފައި. އެކަމަކު އޭރު ހުރީ ރަޖިސްޓްރީ ކުރެވިފައި،" އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އައްޝެއިހް އިބްރާހިމް އަހުމަދު ވިދާޅުވި އެވެ.

މީހަކު ޒަކާތް ބަލައިގަންނަނީ-- ސަން ފޮޓޯ: އަލީ ނަސީރު
މާތް ވެގެންވާ އިސްލާމްދީނުގެ ރުކުންތަކުގެ ތެރެއިން ތިން ވަނަ ރުކުން ކަމަށްވާ ޒަކާތް (މުދަލުގެ ޒަކާތާއި، ފިތުރު ޒަކާތް)، އެކަމުގެ ކުޅަދާނަކަން ލިބިގެންވާމީހުން އޭގެ ހައްގުވެރިންނަށް އަދާކުރުމަކީ، ދީނީ ގޮތުން ވާޖިބެކެވެ. އެއީ ނިކަމެތިންނަށް އެމީހުންގެ ހައްގުތައް އަދާ ކުރަން ދޭންޖެހޭ އެއްޗެކެވެ. އިސްލާމްދީނުގައި ޒަކާތުގެ ހައްގުވެރިން އައް ބަޔަކަށް ބެހިގެންވެ އެވެ. ކީރިތި ގުރުއާނުގެ އާޔަތެއްގެ މާނާގައިވެ އެވެ.
"ހަމަކަށަވަރުން، ޞަދަގާތުގެ ތަކެތި ވަނީ ފަގީރުންނަށާއި، މިސްކީނުންނަށާއި، އެކަމުގެ އާމިލުންނަށާއި، އެއުރެންގެ ހިތްތައް އެކުވެރިކުރައްވާ މީހުންނަށާއި، (އެބަހީ: އަލަށް އިސްލާމްވީ މީހުންނަށާއި) އަޅުން މިނިވަންކުރުމުގައްޔާއި، ދަރަނިވެރިންނަށާއި، اللَّهގެ މަގުގައްޔާއި (ހާލުގައި ޖެހިފައިވާ) ދަތުރުވެރިންނަށެވެ. اللَّه ގެ ހަޒުރަތުން ކަނޑައަޅުއްވާފައިވާ ފަރުޟެއްގެ ގޮތުގަ އެވެ. اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ، حكيم ވަންތަ ރަސްކަލާނގެ އެވެ." ( ތައުބާ ސޫރަތުގެ 60 ވަނަ އާޔަތް )

ސަލާން ޖަހާ ބަޔަކު ބާޒާރު މަތީގައި މަޑުކޮށްލައިގެން: ސަން ފައިލް ފޮޓޯ
ހައްގު ނޫން މީހުން ޒަކާތް ނެގުމުގެ ނުރައްކާ
އަލް އިމާމް މުސްލިމް ރިވާކުރައްވާފައިވާހަދީޘްއެއްގެމާނައެއްގައި ވެއެވެ. "މުދާ އިތުރުކުރުމުގެ ބޭނުމުގައި ސަލާންޖަހާ މީހާ ހިފާކަން ކަށަވަރީ އަނގުރު އަލިފާނުގަ އެވެ. ފަހެ އޭނާ ބޭނުމީ އެފަދަ އެއްޗެހި ގިނަކުރަން ކަމުގައިވާ ނަމަ ގިނަކުރާ ހުށިކަމެވެ. އެހެން ނޫންނަމަ އެފަދަ އެއްޗެއްގައި ނުހިފާ ހުށިކަމެވެ."
ޒަކާތުގެ ޝަރުތެއް ހަމަނުވާ ފުދުންތެރިން ޒަކާތް ބޭނުން ކުރުމަކީ ދީނުގައި ވަރަށް ބޮޑަށް ނަހީ ކުރައްވާފައިވާ ކަމެކެވެ. ދީނީ އިލްމުވެރިން ވިދާޅުވާ ގޮތުގައި އޭގެ ނުރައްކާ ވަރަށް ބޮޑެވެ.
"ރައްޔިތުންނަށް ވެސް ނޭނގެނީ މިނެގެނީ ކޯއްޗެއްކަން ހަގީގަތުގައި. އެނގޭނަމަ ބައެއް މީހުން ހިޔެއް ނުވޭ އަންނާނެ ހެނެއް. އެއީ ހައްގު ނޫން މީހަކަށް ޒަކާތް ލިބުމަކީ އާންމު އެއްޗެއް ލިބުމާއި ތަފާތު ކަމެއް، ގުރުއާނާއި ހަދީޘްގައި އެބަހުރި އެއީ އަމިއްލައަށް އަލިފާނޭ ބަނޑަށް އެއަޅަނީ." ޝެއިހް އިބްރާހިމް ވިދާޅުވި އެވެ.
އެކަން ހުއްޓުވަން ޖެހޭ
ހަގީގަތުގައި އެކަމުގައި ނުރައްކާ އިންތިހާއަށް އޮތްއިރު ފާޅުގައި ފުދުންތެރިން ޒަކާތް ނަގަމުންދާތީ އެކަން ހުއްޓުވޭނެ ހަރުދަނާ އުސޫލްތަކެއް ގާއިމް ކުރެވެން އެބަ ޖެހެ އެވެ. ސައޫދީ އަރަބިއްޔާ ފަދަ އިސްލާމީ ބޮޑެތި ދައުލަތައްތަކުގައި ފަގީރުން ކަނޑައެޅުމުގައި އިތުބާރު ކުރެވޭ އަމިއްލަ ޖަމިއްޔާތަކާއި ހަވާލުކޮށްގެން ޒަކާތް ދިނުމުގެ ކުރިން އޭގެ ހައްގުވެރިން ކަށަވަރު ކުރެ އެވެ.
މިފަހަރު މާލެއިން ފަގީރުންގެ ގޮތުގައި ނަން ނޯޓްކޮށްފައި ވަނީ 7351 މީހުންނެވެ. އެއީ މިދިޔަ އަހަރަށް ވުރެ ފަސް ވަރަކަށް ހާސް ދަށް އަދަދެކެވެ. މިއަހަރު ފިތުރު ޒަކާތުގެ ގޮތުގައި 500 ރުފިޔާ ބަހަން ވަނީ ފަށާފަ އެވެ. މުދަލު ޒަކާތުގެ ގޮތުގައި މިދިޔަ އަހަރު ލިބުނު ފައިސާގެ ތެރެއިން ބޮލަކަށް 400ރ.ގެ މަގުން ފަގީރުންނާއި މިސްކީނުންނަށް ވަނީ ފައިސާ ދޫކޮށްފަ އެވެ.

ޒަކާތު ބިލާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ބޭއްވި ބައްދަލުވުމެއްގެ ތެރެއިން: ސަން ފައިލް ފޮޓޯ
މިއަހަރު ފަގީރުންގެ ނިސްބަތް މަދުވެފައިވާއިރު މިއަހަރު ފަގީރުންގެ ގޮތުގައި ނަންނޯޓް ކުރާ ފޯމަށް ވަނީ ޝަރުތުތަކެއް ހުށައަޅާފަ އެވެ. އޭގެ ތެރޭގައި ފަގީރެއްކަމަށް ބެލެވޭނީ ދުވާލެއްގެ މައްޗަށް ބޮލަކަށް 44 ރުފިޔާ ނުޖެހޭ މީހުން ކަމަށް ކަނޑައެޅުމާއި 4000 ރުފިޔާއިން މަތީ މުސާރަ ލިބޭ ފަރާތްތަކާއި 65 އަހަރު ވެގެން ފައިސާ ލިބޭ ފަރާތްތައް އެލިސްޓުގައި ނުހިމެނޭކަމަށް މިއަހަރު ވަނީ ނިންމާފަ އެވެ. ނަމަވެސް އެ ފޯމަށްވެސް އޮޅުވާލުމުގެ ފުރުސަތު އަދިވެސް އެބައޮތެވެ. މިފަހަރުވެސް ވަނީ އެގޮތަށް އޮޅުވާލައިގެން ހުށައެޅި 15 ފޯމެއް ފަޅާއަރާފަ އެވެ.
"އެމީހުން ފޯމު ފުރައިގެން ދައްކަން ޖެހޭނީ. މީހުންގެ ތެދުވެރިކަމަށްތާ އަޅުގަނޑުމެން ބަލަން ޖެހޭނީ ދެއްތޯ. އެގޮތަށް ބަލާފައި އައީމަ މިފަހަރު 5000 ވަރު މީހުން މަދުވެގެން އެދިޔައީ މާލޭގައި،" ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް ވިދާޅުވި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނާ ގޮތުގައި އެފޯމް ފުރަން ކައުންސިލްތަކަށް އެންގި ނަމަވެސް ބައެއް ކައުންސިލްތަކުން އެކަމަށް އަމަލު ނުކުރެ އެވެ. އެހެންކަމުން މަކަރުން ޒަކާތް ނެގުން ހުއްޓުވަން ބޭނުން ނަމަ އެފޯމު ފުރަން ޖެއްސުމާއި ފޯމުގެ ޝަރުތުތައް އެއަށްވުރެ ވެސް ހަރުކަށިކުރުން ހިމެނޭއިރު ޒަކާތާބެހޭ ގާނޫނު ފާސް ވުމުން އެފަދަ ކަންކަން ހަމަޖެހިގެން ދާނެކަމަށް ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް ވިދާޅުވި އެވެ.
ޒަކާތް ނުދެއްކުން
މިދިޔަ އަހަރު ޒަކާތުގެ ގޮތުގައި 3.1 މިލިއަން ރުފިޔާ މާލެއިން ލިބިފައިވާ އިރު މިއަހަރު މިހާތަނަށް މާލެއިން ވަނީ ޒަކާތުގެ ގޮތުގައި 3.6 މިލިއަން ރުފިޔާ ލިބިފަ އެވެ. މުޅި ރާއްޖޭގެ ތަފާސް ހިސާބްތައް އަދި ނޭނގުނު ނަމަވެސް މިހާތަނަށް ލިބިފައިވާ ތަފާސް ހިސާބްތަކަށް ބަލާއިރު ޒަކާތް ދެއްކި މީހުންގެ އަދަދު ވަނީ އިތުރުވެފަ އެވެ. ނަމަވެސް އަދިވެސް ޒަކާތް ނުދައްކާ މީހުން އުޅޭކަން ފާހަގަ ކުރެވޭ ކަމަށް ދީނީ އިލްމުވެރިން ވިދާޅުވެ އެވެ. މިއީވެސް ވަރަށް ނުރައްކާ ކަމެކެވެ.

މީހަކު ޒަކާތް ބަލައިގަންނަނީ-- ސަން ފޮޓޯ: އަލީ ނަސީރު
އައްޝެއިހް އަލީޒާހިރު ބިން ސައީދު ޤާސިމް ވިދާޅުވިގޮތުގައި މީހުންގެ ހައްގުތައް މުއްސަދިންގެ މުދަލުގައި ވަނީ ލައްވާފައި ކަމަށާއި ވަކިވަރަކަށް އެބައިމީހުންނަށް މުދާ ލިބުނީމަ އެމުދަލުން ޒަކާތް ނެރެެން ޖެހޭނެ އެވެ. އެ މުދަލުން ޒަކާތްނެރުމަކީ މުދަލުގައި މާތްﷲ ބަރަކާތްލައްވާކަމެއް ކަމަށް ޝެއިހް ވިދާޅުވި އެވެ.
"ޒަކާތްނުދީ އެހައްގު އޭގެ ހައްގުވެރިންނަށް އަދާނުކޮށް އެމުދާ ހިފަހައްޓައިގެން ތިބޭ މީހުންނަކީ، ޝައްކެއްވެސްނެތް ﷲ ސުބްހާނަހޫ ވަތައާލާގެ ބޮޑުވެގެންވާ އުރެދުމެއްގައި ވާބައެއް. އަދި އެބައިމީހުންނަށް ވޭންދެނިވި އަޛާބު ޤިޔާމަތްދުވަހުންވާކަން ކަށަވަރު،" ޝެއިހް އަލީޒާހިރު ވިދާޅުވި އެވެ.
ޒަކާތަކީ އިސްލާމްދީނުގައި މާތް މަގުސަދެއްގައި ނަގަމުންދާ އެއްޗަކަށް ވާއިރު އޭގެ ހައްގުވެރިން ނޫން ބަޔަކު އެފައިސާ ނަގަމުން ދާ ކަމީ އޭގެ ސަބަބުން ފަގީރުންނަށް ލިބޭ ބައި މަދުވެގެން ދާ ކަމެކެވެ. މިކަން އެހެން އޮތްއިރު މިއީ އިސްލާމް ދީނުގައި ވަރަށް ބޮޑަށް ނަހީކުރައްވާފައިވާ ކަމެކެވެ. އެހެންކަމުން މި ނުރައްކަލުން ސަލާމަތްވާންޖެހެ އެވެ.