އެންޓި-ކޮރަޕްޝަން ކޮމިޝަނާއި ޓްރާންސްޕޭރަންސީ މޯލްޑިވްސްއާ ދެމެދު ކޮރަޕްޝަން ހުއްޓުމުގެ މަސައްކަތުގައި އެއްބާރުލުންދީ، ގުޅިގެން މަސައްކަތް ކުރުމާބެހޭ އެމްއޯޔޫ އެއްގައި މިއަދު ސޮއިކޮށްފި އެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އޭސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކޮމިޝަނުގެ ރައީސް ހަސަން ލުތުފީ އެވެ. ޓްރާންސްޕޭރެންސީގެ ފަރާތުން ސޮއިކުރެއްވީ ހުސައިން ސިރާޖު އެވެ.

އޭސީސީން ބުނީ ސޮއި ކުރެވުނު އެމްއޯޔޫގެ މައިގަނޑު މަޤުޞަދަކީ އޭޝިއާ ޕެސިފިކް ޤައުމުތަކުގައި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމަށް ޤާއިމްކުރެވިފައިވާ އިދާރާތަކުން ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގެ ފެންވަރު ރަނގަޅުކުރުމާއި، އަދި ކޮރަޕްޝަން ހުއްޓުވުމަށް ގުޅިގެން މަސައްކަތް ކުރުން ކަމަށެވެ.

މި އެމްއޯޔޫގެ ދަށުން ކޮރަޕްޝަން ހުއްޓުވުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން ކުރަމުންދާ މަސައްކަތުގެ ފެންވަރު ރަނގަޅުކުރުމަށް ފަންނީ އެހީތެރިކަން ލިބުމާއި މަސައްކަތުގައި ދިމާވާ ދަތިތައް ޙައްލުކުރުމުގައި އޭޝިޔާ ޕެސިފިކް ޤައުމުތަކުގައި ޤާއިމް ކުރެވިފައިވާ އެޖެންސީތަކުގެ އެއްބާރުލުން ލިބުމަށް މަގު ފަހިވެގެންދާނެ ކަމަށް ވެސް އޭސީސީން ބުންޏެވެ.