08 Mar 2011, 10:25
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ހޯލުގައި ކުރިއަށްދާ 3 ވަނަ ވީއޭއެމް ޕްރެޒިޑެންޓްސްކަޕް ވޮލީބޯޅަ މުބާރާތުގައި އިއްޔެ އާއި ރޭ ކުޅެވުނު ދެމެޗުން އެމް އެސް ހެލްޕިން ހޭންޑާއި ނިލަންދޫ ޔޫތު ލިންކޭޖް(ނީލް) ކާމިޔާބު ހޯދައިފި އެވެ.
އިއްޔެ ހަވީރު ކުޅެވުނު މެޗުން އެމް އެސް މޮޅުވީ އަމީނިއްޔާ ވޮލީ ކްލަބާއި ވާދަކޮށް ސީދާ 3 ސެޓުންނެވެ. މެޗުގެ ސެޓްތައް އެމް އެސް ގެންދިޔައީ 25-6، 25-2 އަދި 25-12ންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެމް އެސްގެ ފާތިމަތު ޒީނިއާ އެވެ. އެމް އެސް ޓީމުގައި ގިނައިން ހިމެނެނީ އެސޯސިއޭޝަންގެ 19 އަހަރުންދަށުގެ ޓީމުގެ ކުޅުންތެރިންނެވެ.
އިއްޔެ އިރުއޮއްސުނުއިރު ފެށި މެޗުގައި ނީލްވެސް މޮޅުވީ އަމިކާ އާއި ވާދަކޮށް ސީދާ 3 ސެޓުންނެވެ. މެޗުގެ ސެޓްތައް ނީލްގެ ކޮޅަށް އަނބުރާލީ 14، 20 އަދި 18 އިދިކޮޅު ޓީމަށް ދީފައެވެ. މޮޅު ކުޅުންތެރިއަކީ ނީލްއަށް ކުޅޭ ރާއްޖޭގެ އެންމެ މޮޅު ވޮލީ ކުޅުންތެރިޔާ އައިޝަތު ސައްފަ އެވެ.
މުބާރާތުގެ ދެމެޗު މިއަދާއި މިރޭ ވެސް ކުޅޭނެ އެވެ.