މައްކާގައި އަޤީޤާ ކަތިލުމަށް ހައްޖު ކޯޕަރޭޝަނާ ހަވާލުކުރި ފަރާތްތަކަށް އެކޯޕަރޭޝަނުން އަޤީޤާ ކަތިލައިދީފި އެވެ.

ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ޔާމީން އިދްރީސް މިރޭ ސަން އަށް ވިދާޅުވީ، އަޤީޤާ ކަތިލުމަށް އެކޯޕަރޭޝަނާ ހަވާލުކުރި ފަރާތްތަކުގެ ބަކަރިތައް އިއްޔެ އާއި މިއަދު ކަތިލާފައިވާ ކަމަށެވެ. އެގޮތުން ޖުމުލަ 173 ބަކަރި ކަތިލާފައިވާ ކަމަށް ޔާމީން ވިދާޅުވި އެވެ.

"ކަތިލާފައި މަސް ޕެކެޓްކޮށްފައި ފަގީރުންނަށް ބަހާނީ،" ޔާމީން ވިދާޅުވި އެވެ.

އަޤީޤާ ކަތިލަނީ އަލަށް އުފަންވާ ކޮންމެ ކުއްޖެއް އުފަންވި ދުވަހުންފެށިގެން ހަތް ވަނަ ދުވަހު ނުވަތަ 14 ވަނަ ދުވަހު ނުވަތަ 21 ވަނަ ދުވަހު ނުވަތަ ކުއްޖާ ބާލިޣު ވުމުގެ ކުރިން ނެވެ.

ހައްޖު ކޯޕަރޭޝަނުން މިފަހަރު މައްކާގައި އަޤީޤާ ކަތިލައިދިން އަގުތައް:

  • އަންހެން ކުއްޖަކަށް އަޤީޤާ ކަތިލައިދެނީ 2313 ރުފިޔާއަށް.
  • ފިރިހެން ކުއްޖަކަށް އަޤީޤާ ކަތިލައިދެނީ 4626 ރުފިޔާއަށް.

މިފަހަރު ލިބުނު ތަރުހީބަށް ބަލައި ހައްޖު މޫސުމުގައި އަޤީޤާ އާއި އުޟްހިޔާ އާއި ޞަދަގާތަށް ބަކަރި ކަތިލުމުގެ ފުރުސަތު ދިނުމަށް ނިންމާފައިވާ ކަމަށް ހައްޖުކޯޕަރޭޝަނުން ބުންޏެވެ.