15 Jul 2015, 20:05
މިރޭ 12:00 އިން ފެށިގެން އާ ގާނޫނުލް އުގޫބާތަށް އަމަލުކުރަން ފަށާއިރު، ފުލުހުން ތިބީ ގާނޫނުލް އުގޫބާތައް އަމަލުކުރަން ތައްޔާރަށް ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފި އެވެ.
އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް އިނިސްޕެކްޓަރު ހަސަން ޝިފާއު ވިދާޅުވީ ސިވިލް ސްޓާފުން ހިމެނެގޮތަށް ޖުމްލަ 3100 ފުލުހުން ގާނޫނުލް އުގޫބާތައް ތަމްރީނު ކުރެވިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ގާނޫނުލް އުގޫބާތައް އަމަލުކުރަން ފެށުމަށް ކުރިން ކަނޑައަޅާފައިވާ ތާރީޚު ކަމުގައިވާ މިދިޔަ އޭޕްރީލް މަހުގެ 13 ވަނަ ދުވަހާ ހަމައަށް 528 ފުލުހުން ގާނޫނުލް އުގޫބާތައް ތަމްރީނު ކުރެވުނު ކަމަށެވެ.
ގާނޫނުލް އުގޫބާތައް ފުލުހުން ތަމްރީނުކުރުމަށް މިހާތަނަށް މާލޭގައި ޖުމްލަ 45 ތަމްރީނު ޕްރޮގްރާމް އަދި އަތޮޅުތަކުގައި 25 ޕްރޮފްރާމް ހިންގާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޗީފް އިނިސްޕެކްޓަރު ހަސަން ޝިފާއު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ ---- ސަން ފޮޓޯ: އަހްމަދު އާޒިފް
ގާނޫނުލް އުގޫބާތައް އަހުލުވެރި ކުރުވަންޖެހޭ ފުލުހުންގެ ތެރެއިން މިހާތަނަށް ތަމްރީނު ދެވިފައި ނުވަނީ 190 ފުލުހަކަށް ކަމަށާއި އޭގެތެރެއިން 108 ފުލުހުންނަކީ އަތޮޅުތަކުގައި މަސައްކަތް ކުރާ ފުލުހުން ކަމަށް ޝިފާއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ރޯދަ މަހު ވެސް ހަ ތަމްރީނު ޕްރޮގްރާމް ހިންގިއްޖެ ކަމަށާއި ގާނޫނުލް އުގޫބާތައް ތަމްރީނު ކުރެވިފައިވާ ފުލުހުން ރިޕްރެޝްކުރުމުގެ މަސައްކަތް ދެން ކުރިއަށްދާނެ ކަމަށެވެ.
އާ ގާނޫނުލް އުގޫބާތުގައިވާގޮތުން ހާދިސާ ހިނގިތާ ތިން އަހަރު ތެރޭ ދައުވާ ނުކޮށްފިނަމަ ބައެއް ބާވަތުގެ ޖިނާއީ މައްސަލަތަކުގައި ދެން ދައުވާއެއް ނުކުރެވޭނެ އެވެ. އަދި އަނެއްބައި މައްސަލަތަކުގައި އަށް އަހަރުގެ ތެރޭގައި ދައުވާ ނުކޮށްފިނަމަ ދެން އެ މައްސަލައެއްގައި އެއްވެސް ގޮތަކަށް ދައުވާއެއް ނުއުފުލޭނެ ކަމަށް ގާނޫނުލް އުގޫބާތުގައި ވެއެވެ.
ޝިފާއު ވިދާޅުވީ ގާނޫނުލް އުގޫބާތައް އަމަލުކުރަން ފަށާއިރު، ހާދިސާ ހިނގިފަހުން ތިން އަހަރު ވެފައި ހުރި 100 އާއި 200އާ ދެމެދުގެ މައްސަލަތައް އެބަހުރި ކަމަށާއި ގާނޫނުލް އުގޫބާތައް އަމަލުކުރަން ފެށުމުން އެ މައްސަލަތައް ފައިލްކޮށްލާނެ ކަމަށެވެ. އަދި މައްސަލަތައް ފައިލް ކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާނީ ދެފުށްފެންނަގޮތަށް ރަނގަޅަށް ޗެކްކުރެވިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.