މެންޗެސްޓާ ޔުނައިޓަޑްގެ ނެދަލޭންޑްސްގެ ފޯވަޑް ރޮބިން ވެންޕާސީ ތުރުކީގެ ފެނަބާޗޭއަށް ސޮއިކޮށްފި އެވެ.

ތުރުކީއަށް ނިސްބަތްވާ މަޝްހޫރު ނިއުސް އެޖެންސީ އަނަޑަލޫއިން ބުނެފައި ވަނީ ފެނަބާޗޭ ސްކޮޑްގައި އިއްޔެ ހަވީރު ވެންޕާސީގެ ނަން ހިމަނާފައިވާ ކަމަށެވެ.

އުމުރުން 31 އަހަރުގެ ވެންޕާސީ ފެނަބާޗޭއަށް ސޮއިކުރި ތިން އަހަރުގެ މުއްދަތަށެވެ.

އަނަޑަލޫއިން ބުނެފައި ވަނީ ވެންޕާސީ ފެނަބާޗޭއާއެކު ހޭދަ ކުރާ މުއްދަތުގައި އޭނައަށް މުސާރައިގެ ގޮތުގައި އަހަރަކު 4.9 މިލިއަން ޔޫރޯ ލިބިގެންދާނެ ކަމަށެވެ.

މީގެ އިތުން އޭނާ ފެނަބާޗޭއާއެކު ކުޅޭ ކޮންމެ މެޗަކަށް ބޯނަސްގެ ގޮތުގައި 20 ހާސް ޔޫރޯ ލިބިގެންދާނެ ކަމަށް އަނަޑަލޫއިން ބުނެ އެވެ.

ހޮލެންޑްގެ ފައިނޫޑުން 2001 ވަނަ އަހަރު ސީނިއާ ކެރިއާ ފަށައި 2004 ވަނަ އަހަރު އާސެނަލްއަށް ބަދަލުވެ އެޓީމްގައި ކުޅުނު 194 މެޗްގައި އޭނާ ވަނީ 96 ލަނޑު ކާމިޔާބުކޮށްފަ އެވެ.

އަދި 2012 ވަނަ އަހަރު 22.5 މިލިއަން ޕައުންޑްގެ އަގަކަށް އާސެނަލް ދޫކޮށް މެންޗެސްޓާ ޔުނައިޓަޑަށް އޭނާ ބަދަލުވިއިރު މެންޔޫގައި ކުޅުނު 105 މެޗްގައި ވެންޕާސީ ވަނީ 58 ގޯލް ޖަހާފަ އެވެ.

ޔުނަިޓަޑާއެކު ވެންޕާސީ ހަދައިފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ އަންނަ ސީޒަނަށް ފަހު އެވެ.

ފެނަބާޗޭ ކުޅުންތެރިޔެއްގެ ގޮތުގައި މިއަދު ވެންޕާސީ ދައްކާލާފައިވާއިރު ވެންޕާސީ ދޫކޮށްލަން އެއްބަސްވި ވަކި އަގެއް މިހާތަނަށް ވެސް މެންޗެސްޓާ ޔުނައިޓަޑާ ފެނަބާޗޭއާ ދެމެދު އެއްބަސްވެފައި ނުވާކަށް އިނގިރޭސި މީޑިއާތަކުން ބުނެ އެވެ.

އިނގިރޭސި މީޑއާތައް ބުނާ ގޮތުން މިދިޔަ ސީޒަންގައި 10 ލަނޑު ކާމިޔާބު ކޮށްފައިވާ، ވެންޕާސީ އަގަކަށް ޔުނައިޓަޑުން ކިޔާނީ ފަސް މިލިއަން ޕައުންޑްގެ އަގެއް ކަމަށެވެ.