15 Jul 2015, 20:52
ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ހަ ރަށެއްގައި މިސްކިތް އިމާރާތްތަކުރުމަށް 35.5 މިލިއަން ރުފިޔާގެ ޕުރޮޖެކްޓެއް ބަޔަކާ ހަވާލުކޮށްފިއެވެ.
އިސްލާމިކް މިނިސްޓުރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ހަ މިސްކިތް އިމާރާތް ކުރުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކޮށްފައިވަނީ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒިޔާދު ބާގިރު އެވެ.
އެ ޕުރޮޖެކްޓްގެ ދަށުން ށ. ފޭދޫގައި 504 މީހުންގެ ޖާގައިގެ މިސްކިތެއް 175 ދުވަސްތެރޭ އިމާރާތްކުރުމަށް ނަލަހިޔާ ޕްރައިމް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވަނީ ފަސް މިލިއަން ރުފިޔާއަށެވެ. އަދި ގއ. ދެއްވަދޫގައި 504 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތްކުރުމަށް އެސްޖޭ ކޮންސްޓުރަކްޝަނާ ހަވާލުކޮށްފައިވަނީ 365 ދުވަސްތެރޭ ނިންމުމަށެވެ. އެޕްރޮޖެކްޓަށް ފަސް މިލިއަން ރުފިޔާ ހަރަދުވެއެވެ.
ލ.ކުނަހަންދޫގައި 304 މީހުންގެ ޖާގައިގެ މިސްކިތެއް 280 ދުވަހުގެ ތެރޭގައި ނިންމުމަށް ފަސް މިލިއަން ރުފިޔާއަށް ސްޓާ މޯލްޑިވްސްއާ ހަވާލުކޮށްފައިވާއިރު ތ. ދިޔަމިގިލީގައި 304 މީހުންގެ ޖާގައިގެ މިސްކިތެއް އެޅުމަށް ހަވާލުކޮށްފައި ވަނީ ދަންމާނު ކޮމްޕެނީއާއެވެ. އެޕުރޮޖެކްޓަށް ފަސް މިލިއަން ރުފިޔާ ޚަރަދުވާއިރު 210 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ޖެހެއެވެ.
ގދ. ރަތަފަންދޫގައި އިމާރާތްކުރުމަށް ފަށައި ނުނިމިހުރި 704 މީހުންގެ ޖާގައިގެ މިސްކިތް 180 ދުވަހުގެ ތެރޭގައި ނިންމުމަށް ހަ މިލިއަން ރުފިޔާއަށް ބީއޭޕީސީއާ ވަނީ ހަވާލުކޮށްފައެވެ.
އެހަފްލާގައި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓުރީގެ ސްޓޭޓް މިނިސްޓަރު އަލީ ވަހީދު އަބްދުއްރަހްމާން ވިދާޅުވީ ސަރުކާރުގެ ބަޖެޓުން މިއަހަރު 17 މިސްކިތެއް އިމާރާތް ކުރުމަށް ނިންމާފައިވާއިރު އޭގެ ތެރެއިން ހަ މިސްކިތެއްގެ މަސައްކަތް ދީލަތި ފަރާތެއްގެ އެހީއާއެކު މިހާރު ފެށިފައިވާ ކަމަށެވެ.
އޭގެ އިތުރުން ސައުދީ ރަސްގެފާނު ހަދިޔާ ކޮށްފައިވާ 10 މިސްކިތުގެ ޓެންޑާގެ މަސައްކަތްނިމި މިއަހަރު އޮކްޓޫބަރު މަހު މަސައްކަތް ފެށޭނެ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. ރޯދަމަހަށް މިސްކިތްތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ފެށިއިރު އޭގެ 80 ޕަސެންޓް ވަނީ ނިމިފައި ކަމަށާއި މިހާރުވެސް ބައެއް މަސައްކަތް ކުރަމުންދާ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާނާއި ކަނޑިތީމް ދާއިރާގެ މެމްބަރު މުހައްމަދު ހުސައިން ބައިވެރިވެވަޑައިގެންފައިވެއެވެ.