15 Jul 2015, 19:43
ޖަރުމަނު މީހުންގެ ތެރެއިން އާރްޔަން ދަރިކޮޅުގެ މީހުން ނޫން އެހެން މީހުން މެރުމަށް ހިޓްލަރު އުފެއްދި އަޝްވިޒް ކޭމްޕްގައި ލިޔެކިއުންތައް ބެލެހެއްޓުމުގެ މަސައްކަތް ކުރި މީހަކު ހަތަރު އަހަރަށް ޖަލަށް ލުމަށް ޖަރުމަނުގެ ކޯޓަކުން ހުކުމްކޮށްފި އެވެ.
އުމުރުން މިހާރު 94 އަހަރު ވެފައިވާ އޮސްކާ ގްރޮއެނިން ނަމަކަށް ކިޔާ އެ މީހާ ހަތަރު އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރީ އަޝްވިޒް ކޭމްޕަށް މަރައިލުމަށް ގެނައި މީހުންގެ އަތުން އަތުލާ ތަކެތި ގުނުމުގެ މަސައްކަތް ކުރިކަން ސާބިތުވެގެންނެވެ. އަދި އެގޮތުން ތިން ލައްކަ ޔަހޫދީން މެރުމުގައި މެދުވެރިއަކަށް އޭނާ ވި ކަމަށް ސާބިތުވެފައިވާ ކަމަށް ބީބީސީ ބުންޏެވެ.
ގްރޮއެއިންގެ މައްޗަށް އެފަދަ ހުކުމެއް ކުރި ނަމަވެސް އޭނާގެ މުސްކުޅިކަމުން އޭނާ ޖަލަށް ލާނެ ކަމެއް އަދި ކަށަވަރެއްނޫނެވެ.
އަޝްވިޒް ބިރްކެނައު ކޭމްޕްގައި ހިޓްލަރުގެ އަމުރަށް މިލިޔަނަކަށް ވުރެ ގިނަ ޔަހޫދީން މަރައިލިއެވެ. އަދި އެ ކޭމްޕްގައި ޔަހޫދީންގެ އިތުރުން އެއް ޖިންސުން ގުޅުން ހިންގާ މީހުންނާއި ނުކުޅެދޭ މީހުންނާއި ހަނގުރާމައިގެ ބައެއް އަސީރުން ވެސް އެތަނުގައި މެރިކަމަށް ހުޅަނގުގެ މުއައްރިހުން ލިޔެފައި ވެއެވެ.