15 Jul 2015, 16:28
ގއ. އަތޮޅު ތައުލީމީ މަރުކަޒުގައި ތިން ފަންގިފިލާގެ އައު އިމާރާތެއް އެޅުމަށް އަލިހަވާސާ ކޮންސްޓްރަކްޝަނާ ހަވާލުކޮށްފިއެވެ.
މިއަދު އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ސަރުކާރުގެ ފަރާތުން އެމަސައްކަތް ހަވާލު ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހީމް އިސްމާއިލް އަލީ އެވެ. އަދި އަލިހަވާސާ ގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދުނާނު ހަލީމެވެ.
މިއަދު އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ: ފަޔާޒު މޫސާ
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިބްރާހީމް އިސްމާއީލް ވިދާޅުވީ އެ އެއްބަސްވުމުގެ ދަށުން ތިން ފަންގިފިލާގައި ޖުމްލަ ނުވަ ކްލާސްރޫމް އަޅާނެ ކަމަށެވެ. އެއީ ކޮންމެ ފަންގިފިލައެއްގައި ތިން ކްލާސްރޫމް ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ކްލާސްރޫމްތަކާއެކު ފާޚާނާ ބްލޮކެއްވެސް އެ އެއްބަސްވުމުގެ ދަށުން އަޅާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ގއ. އަތޮޅު ތައުލީމީ މަރުކަޒުގައި އަލަށް އިމާރާތް ކުރާ ކްލާސްރޫމްތަކަށް ޖުމްލަ 5.7 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެގޮތުން އެ މަސައްކަތް ނިންމުމަށް މިނިސްޓްރީ އިން ވަނީ 349 ދުވަހުގެ މުއްދަތެއް ދީފައެވެ.
ގއ. ތައުލީމީ މަރުކަޒުގައި މިހާރު 28 ކްލާސްރޫމް ހުންނައިރު އެ ސްކޫލުގައި ޖުމްލަ 511 ދަރިވަރުން ދަނީ ތައުލީމް ހާސިލު ކުރަމުންނެވެ. އެ ސްކޫލަކީ ގްރޭޑް އެކަކުން ފެށިގެން 12 ގެ ހަމައަށް ކިޔަވައިދޭ ސްކޫލެކެވެ.