15 Jul 2015, 16:08
މާލެއިން ޒަކާތް ދެއްކި މީހުން އަދަދު ބޮޑުތަނުން އިތުރުވެ ފަގީރުންގެ ގޮތުގައި ނަންނޯޓްކުރި ފަރާތްތަކުގެ އަދަދު ދަށަށް ގޮސްފައިވާކަމަށް އިސްލާމިކް މިނިސްޓްރީއިން ބުނެފިއެވެ.
އިސްލާމިކް މިނިސްޓުރީގެ ޑެޕިއުޓީ މިނިސްޓަރު އައްޝެއިހް އިބްރާހިމް އަހުމަދު މިއަދު ވިދާޅުވީ މިދިޔަ އަހަރު މާލެއިން 13017 މީހުން ފަގީރުންގެ ގޮތުގައި ނަންނޯޓް ކޮށްފައިވީ ނަމަވެސް މިއަހަރު ނަންނޯޓް ކޮށްފައިވަނީ 7351 މީހުން ކަމަށެވެ. މިއީ ހެޔޮ ފާލެއް ކަމަށް އިބްރާހިމް ވިދާޅުވިއެވެ.
"މިއީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް، އަދި އަޅުގަނޑުމެން ގައުމު ތަރައްގީގެ މަގުގައި ކުރިއަރަމުންދާ ކަމުގެ އެއް ހެކި ރާއްޖޭގެ ރައްޔިތުންގެ ފޯރުންތެރިކަން އިތުރުވެގެން ދާކަން އެއީ،" ޝެއިހް އިބްރާހިމް ވިދާޅުވިއެވެ.
ޒަކާތުގެ ގޮތުގައި މިއަހަރު މިހާތަނަށް މާލެއާއި އެސްއެމްއެސްއާއި ބެންކްތައް މެދުވެރިކޮށް 3.6 މިލިއަން ލިބިފައިވާއިރު މިދިޔަ އަހަރު ލިބިފައިވަނީ 3.1 މިލިއަން ރުފިޔާ ކަމަށާއި އެހެން ކަމުން މިއަހަރު ޒަކާތް ދެއްކި މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށް އިބްރާހިމް ވިދާޅުވިއެވެ.
މިިދިޔަ އަހަރު ފިތުރު ޒަކާތުގެ ގޮތުގައި މީހަކަށް 250 ރުފިޔާ ބެހިއިރު މިއަހަރު ދެނީ 500 ރުފިޔާ ބަހަމުންނެވެ.
މާލެ އިތުރުން އެހެން ރަށްރަށުގެ ތަފާސް ހިސާބްތައް އެއްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އިބްރާހިމް ވިދާޅުވިއެވެ.
ޒަކާތާއި ގުޅޭގޮތުން ދެކެވޭ ވާހަކަތަކާއި ގުޅޭގޮތުން އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒިޔާދު ބާގިރު ވިދާޅުވީ ފިތުރު ޒަކާތާއި ގުޅޭގޮތުން އާންމުގެ ތެރޭގައި އޮޅުންތަކެއް ހުރިކަމުގެ ޝަކުވާ އެމިނިސްޓްރީއަށް ލިބެމުން ދާ ކަމަށެވެ. އިސްލާމިކް މިނިސްޓުރީއިން އަމަލު ކުރަމުންދާ ގޮތަކީ އެހެން އިސްލާމީ ގައުމުތަކުގައިވެސް އަމަލު ކުރަމުންދާ ގޮތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން ޒަކާތުގެ ގޮތުގައި ފައިސާ ނެގުމަކީ އިސްލާމްދީން ހުއްދަ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ފައިސާއިން ޒަކާތް ދެއްކުމަކީ ހުއްދަ ނޫން ކަމަކަށް އިލްމުވެރިއަކު ފަތުވާ ދެއްވާފައިވާތަނެއް އަޅުގަނޑަ ނުދެކެން، އަޑެއްވެސް ނާހަން." މިނިސްޓަރު ޒިޔާދު ވިދާޅުވިއެވެ.
މިއަދާއި މާދަމާ ޒަކާތް ދޫކުރަން ނިންމާފައިވާއިރު މާދަމާވެސް ޒަކާތް ދެއްކުމުގެ ފުރުސަތު އިސްލާމިކް މިނިސްޓުރީއިން ވަނީ ހުޅުވާލާފައެވެ.