08 Mar 2011, 09:49
ވޮޝިންގޓަން : ލީބިޔާގެ ޒަޢީމް ކާރނަލް މުޢައްމަރުލްގައްޒާފީ އާއި އޭނާގެ ވެރިކަމުގެ ނިޒާމާދެކޮޅަށް ޢަސްކަރީ ފިޔަވަޅުތަކެއް އެޅުމާބެހޭގޮތުން ނޭޓޯ ވިސްނަމުންދާ ކަމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިިދާޅުވެއްޖެއެވެ.
ވޮޝިންޓަންގައި އޮސްޓްރޭލިޔާގެ ބޮޑުވަޒީރާ ޖޫލިޔާ ގިލާޑް އާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން އޮބާމާ ވިދާޅުވީ ގައްޒާފީގެ ވެރިކަން ވައްޓާލަން މަސައްކަތްކުރާ ލީބިޔާގެ ކުށެއްނެތް ރައްޔިތުންނާ ދެކޮޅަށް ގައްޒާފީގެ ސަރުކާރުން ދެމުންގެންދާ ހަމަލާތައް ހުއްޓުވުމަށްޓަކައި ގައްޒާފީއާ ދެކޮޅަށް ޢަސްކަރީ ފިޔަވަޅުތަކެއް އަޅަންޖެހޭ ހިސާބަށް ކަންތައްތައް ހިނގައްޖެ ކަމުގަ އެވެ.
ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް އެންޑަސް ފޯގް ރަސްމޯސަން ވިދާޅުވީ ލީބިޔާއަށް ޢަސްކަރީ ގޮތުން ވަދެގަތުމުގެ ވިސްނުމެއް ނޭޓޯ ނުގެންގުޅޭ ކަމުގައެވެ. ނަމަވެސް އދ. ގެ ސަލާމަތީ މަޖިލީހުން ލީބިޔާއާ ދެކޮޅަށް ޢަސްކަރީ ފިޔަވަޅެއް އަޅަން ރަސްމީ ސިފައެއްގައި އެދިއްޖެނަމަ އެކަމާބެހޭގޮތުން ނޭޓޯ ވިސްނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޢަރަބި ޤައުމެއް ކަމަށްވާ ޔުނައިޓެޑް އަރަބް އިމަރޭޓްސް އިންވަނީ ގައްޒާފީގެ އަތްދަށުން ލީބިޔާގެ ރައްޔިތުން ނަށް ލިބެމުންދާ އިންސާނިއްޔަތާ ޚިލާފު އަނިޔާތަކާއި ޖަރީމާތައް ހުއްޓުވުމަށްޓަކައި އދ. ން ޢަސްކަރީ އަވަސް ފިޔަވަޅުތަކެއް އެޅުމަށް އދ. ގެ ސަލާމަތީ މަޖިލީހަށް އިލްތިމާސް ކޮށްފައެވެ.
މުރާސިލުން ބުނާގޮތުގައި އދ. ގެ ސަލާމަތީ މަޖިލީހުގެ މެންބަރުން މިހާރު ގެންގުޅެނީ ދެ ވިސްނުމެކެވެ. އެއް ވިސްނުމަކީ ގައްޒާފީ ވައްޓާލުމަށް މަސައްކަތްކުރާ ލީބިޔާ ރައްޔިތުންގެ ބާރުތަކަށް ޒަމާނީ ހަތިޔާރު ފޯރުކޮށްދީގެން ގައްޒާފީގެ ވެރިކަން އަވަހަށް ނިމުމަކަށް ގެނައުމެވެ. އަނެއްވިސްނުމަކީ ގައްޒާފީގެ ޢަސްކަރީ މަރުކަޒުތަކަށް ބޮންއަޅައިގެން އެތަންތަން ހަލާކުކޮށް ގައްޒާފީ ބަލިކޮށްލައި އޭނާގެ ބާރު ކަނޑުވާލުމެވެ.
ލީބިޔާގެ އިދިކޮޅު ފަރާތްތަކުންވަނީ ބޭރުގެ ބާރެއް ޢަސްކަރީ ގޮތުން ލީބިޔާއަށް ވަނުން ޤަބޫލު ނުކުރެވޭނެކަން ހާމަކޮށްފައެވެ. ނަމަވެސް ވައިގެ މަގުން ގައްޒާފީގެ މަރުކަޒުތަކަށް ބޮންއަޅައިގެން އޭނާގެ ދުވަސް ދުއްވާލުމަށް ތާއީދުކުރާނެކަން ލީބިޔާގެ އިދިކޮޅު ލީޑަރުން ވަނީ ހާމަކުރައްވާފައެވެ. (އަލްޖަޒީރާ)