15 Jul 2015, 14:30
އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުގެ ފިޠުރު ޢީދު ދުވަހު ވެސް ރައީސުކްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ދެކަނބަލުން އީދު ސަލާން ކުރެއްވުން އޮންނާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރައީސް އޮފީހުން ބުނީ ރައީސް ޔާމީންގެ ދެކަނބަލުންނާ ފިޠުރު ޢީދު ސަލާން ކުރެއްވުން މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ ފިޠުރު ޢީދު ދުވަހުގެ ހެނދުނު 9:00 ގައި ސަލްޓަން ޕާކްގައި ކަމަށެވެ.
އީދު ސަލާން ކުރެއްވުމުގައި ބައިވެރިވެވަޑައިގެން ދެއްވުމަށް ދިވެހި އެންމެހައި ރައްޔިތުންނާއި، އެކިއެކި ޖަމްޢިއްޔާ ޖަމާޢަތްތަކާއި، ބޭރުގެ ޢިއްޒަތްތެރިންނާއި މަންދޫބުންނަށް ރައީސްގެ ދެކަނބަލުން ވަނީ ދައުވާތު އަރުވާފައެވެ.
އީދު ސަލާން ކުރުމުގައި އާއިލާތަކާއެކު ވީހާވެސް ގިނަ އަދަދެއްގެ ކުޑަކުދިން ބައިވެރިކުރެއްވުމަކީ އެންމެ ރަނގަޅުކަމެއް ކަމަށާއި، ވީހާވެސް ގިނަ ޢަދަދެއްގެ ކުޑަކުދިންނާއި ޒުވާނުން ޢީދު ސަލާން ކޮށްލެއްވުމުގައި ބައިވެރިވެވަޑައިގެން ދެއްވުމަށް ރައީސް ޔާމީންގެ ދެކަނބަލުން ވަނީ އެދިވަޑައިގެންފައެވެ.