15 Jul 2015, 14:45
ކްރިކެޓް ބޯޑުން މިރަމަޟާން މަހު ކުރިއަށް ގެންދާ 'ކޯސްޓް ރަމަޟާން ކްރިކެޓް ކާނިވަލް'ގެ ކުންފުނި ތަކުގެ މުބާރާތުގެ ސެމީފައިނަލް މެޗްގައި ޓީއެމްއޭގެ މައްޗަށް ހަތަރު ވިކެޓުން ކާމިޔާބު ހޯދައި މުބާރާތުގެ ފައިނަލަށް އޯސީސީ އިންވެސްޓް ދަތުރުކޮށްފިއެވެ.
ކުޅިވަރު އެކުވެނީގެ އެއް ނަންބަރު ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗްގައި ޓީއެމްއޭ ކުޅެން އަރައި އަށް އޯވަރުތެރޭގައި ހަތް ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 66 ލަނޑެވެ.
ޓީއެމްއޭއިން އެންމެ ގިނަ ލަނޑު ހެދީ 12 ލަނޑު ހެދި އީރަންއެވެ. އަދި އޭނާ ވަނީ ޑަބަލްސް ނަގާފައެވެ.
ބޯޅަ ހޮވަން ތިބި އޯސީސީއިން ވަނީ ހަ ވިކެޓް ނަގާފައެވެ.
އޯސީސީއިން ކުޅޭން އަރައި 7.1 އޯވަރު ތެރޭގައި ހަތަރު ކުޅުންތެރިން ނުބައިވެގެން ވަނީ 70 ލަނޑު ހަދާފައެވެ.
ބްރާސްފަތި ދުވަހު ކުޅުމަށް ހަމަޖެހިފައިވާ ފައިނަލް މެޗްގައި އޯސީސީ ނިކުންނަންޖެހޭނީ މިއަދު ހަވީރު ކުޅޭ ދެ ވަނަ ސެމީފައިނަލްގައި ސްޓެޓިކް ކޮމްޕެނީއާއި ޕޭން އޯޝަން ބައްދަލު ކުރާ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.