15 Jul 2015, 14:30
ވީޑިއޯ މެސެޖު ކުރާ އެޕްލިކޭޝަނެއް ކަމަށްވާ ސްނެޕްޗެޓް އިން މި ރަމަޟަން މަހުގެ 27 ވިލޭރޭ މާތްވެގެންވާ މައްކާއަށް ހާއްސަކޮށްގެން ގެނެސްދިން ލައިވް ސްޓްރީމިން އަށް ހީނުކުރާހާ ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.
ސްނެޕްޗެޓްގެ އެ ސްޓްރީމިންގެ ވާހަކަ ސޯޝަލް މީޑިއާ ޓްވިޓާގައި އެކަނި ވެސް އެއް މިލިޔަން ފަހަރު ދައްކާފައިވާ ކަމަށް ޓޮޕްސީ އިން ދައްކަ އެވެ.
ސްނެޕްޗެޓް ބޭނުން ކުރާ މުސްލިމުން ފުރަތަމަ އެދުނީ 27 ވިލޭރޭ މައްކާގެ ލައިވް ސްޓްރީމެއް ގެނެސް ދިނުމަށެވެ. އަދި ސްނެޕްޗެޓް އިން އެކަމަށް އެއްބަސްވެ، ލައިވް ސްޓްރީމް ގެނެސްދޭން ފެށުމުން އެކަމަށް މަރުހަބާ ކިޔައި ސޯޝަލް މީޑިއާގައި "މެކާ ލައިވް"ގެ ނަމުގައި ހޭޝްޓެގެއް އުފައްދައި ބޭނުން ކުރަން ފެށުމުން ސްނެޕްޗެޓްގެ ސްޓްރީމިން އަށް ވަނީ ހޫނު ތަރުހީބެއް ލިބިފަ އެވެ. އަދި އެގޮތުން ކުރި ޓުވީޓްތަކުގައި މައްކާގެ ގިނަ ފޮޓޯތަކެއް ވަނީ ޓުވިޓާގައި ވެސް މަޝްހޫރު ވެފަ އެވެ.
ސްނެޕްޗެޓްގެ ލައިވްސްޓްރީމިންއާއި ޓްވިޓާ ހޭޝްޓެގް ގެ ސަބަބުން ބައެއް މީހުން އަލަށް އިސްލާމްވީ ވާހަކަ ވެސް ފަހުން ފެތުރުނެވެ. ނަމަވެސް އެކަމުގެ ހަގީގަތެއް ނޭނގެ އެވެ.