ބެންޣާޒީ : ގައްޒާފީގެ ވެރިކަން ވައްޓާލަން މަސައްކަތްކުރާ ލީބިޔާގެ ރައްޔިތުން ތަމްޘީލްކުރާ އިންތިޤާލީ މަޖިލީހަށް ފަރަންސޭސިވިލާތުން އިޢްތިރާފް ވެއްޖެ އެވެ.

ފަރަންސޭސި ޚާރިޖީ ވަޒީރު އެލަންޖުޕޭ ލީބިޔާގެ ކުރީގެ ދާޚިލީ ވަޒީރު ޖެނެރަލް ޢަބްދުލްފައްތާޙް ޔޫނުސް އަލްޢުބައިދީ އާ ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައި ލީބިޔާގެ ރައްޔިތުން ތަމްޘީލްކުރާ ވަގުތީ ސަރުކާރަކީ އިދިކޮޅު ފަރާތްތަކުން ބެންޣާޒީގައި ޤާއިމްކޮށްފައިވާ އިންތިޤާލީ މަޖިލިސްކަމަށް ފަރަންސޭސިވިލާތުން އިޢްތިރާފްވެއްޖެކަން ހާމަކުރެއްވި އެވެ.

ޖެނެރަލް ޢަބްދުލްފައްތާޙް ޔޫނުސް އަލްޢުބައިދީއަކީ މީގެ ދެ ހަފްތާ ކުރިން ގައްޒާފީގެ ސަރުކާރުން އިސްތިޢުފާދެއްވުމަށް ފަހު އިދިކޮޅު ފަރާތްތަކާ ގުޅިގެން ގައްޒާފީގެ އަނިޔާވެރި ވެރިކަން ވައްޓާލުމަށް މަސައްކަތްކުރައްވާ ޢަސްކަރީ ތަޖްރިބާކާރު ޝަޚްސިއްޔަތެކެވެ.

ފަރަންސޭސި ޚާރިޖީ ވަޒީރު ވިދާޅުވީ ގައްޒާފީގެ ސަރުކާރަށް ފަރަންސޭސިވިިލާތުން ވެފައިވާ އިޢްތިރާފް އަނބުރައި ގެނަސްފިކަމާއި ގައްޒާފީގެ ސަރުކާރާ އެކު ފަރަންސޭސިވިލާތުން ދެން މުޢާމަލާތް ކުރަން ގަސްދުނުކުރާކަމުގައެވެ.
އަނެއްކޮޅުން ގައްޒާފީއާ އެކު އެންމެ ބޮޑު ގުޅުންތަކެއް ބޭއްވި އިޓަލީ ސަރުކާރުން ވެސް ރޭގެ ވަގުތެއްގައި ވަނީ ލީބިޔާގެ އިދިކޮޅު އިންތިޤާލީ މަޖިލީހާ މުޢާމަލާތްކުރަން ފަށައިފަ އެވެ. އިޓަލީގެ ޚާރިޖީ ވަޒީރު ފްރަންކޯ ފްރަޓީނީ ރޭ ވިދާޅުވީ ލީބިޔާގެ އިދިކޮޅު އިންތިޤާލީ މަޖިލީހުގެ މެންބަރުންނާ އެކު އިޓަލީ ސަރުކާރުން މުޢާމަލާތް ކުރަންފަށައިފި ކަން ހާމަކުރައްވައިފަ އެވެ.

އިނގިރޭސިވިލާތުން ވެސް ވަނީ ގައްޒާފީގެ ވެރިކަން ވައްޓާލަން މަސައްކަތްކުރާ ލީބިޔާގެ އިދިކޮޅު އިންތިޤާލީ މަޖިލީހާ މުޢާމަލާތް ކުރުމަށް ބެންޣާޒީއަށް ކުޑަވަރެއްގެ ޑިޕްލޮމެޓިކް މިޝަނެއް ފޮނުވިކަން ހާމަކޮށްފަ އެވެ.

އަނެއްކޮޅުން ލީބިޔާގެ އިދިކޮޅު ފަރާތްތަކުގެ ކޮންޓްރޯލްގެ ދަށުގައިވާ ތެލުގެ ސިނާޢަތުގެ ރަށެއްކަމަށްވާ ތުބުރުޤްގެ ބަނދަރުން އިއްޔެ ވަނީ އިންތިޤާލީ މަޖިލީހުގެ ބެލުމުގެ ދަށުން ބޭރުކުރި ލީބިޔާގެ ތެލުގެ ފުރަތަމަ ޝިޕްމަންޓް ބޭރުކޮށްފަ އެވެ. މިއީ ގައްޒާފީގެ ކޮންޓްރޯލުން ބޭރުގައި ލިބިޔާ އިން ބޭރު ކުރި ތެލުގެ އެންމެ ފުރަތަމަ ޝިޕްމަންޓެވެ.
މި ޝިޕްމަންޓްގެ ފައިސާ ލިބޭނީ ގައްޒާފީގެ ވެރިކަން ވައްޓާލަން މަސައްކަތްކުރާ ރައްޔިތުންގެ ވަގުތީ ސަރުކާރު ކަމަށްވާ އިންތިޤާލީ މަޖިލީހުގެ އެކައުންޓްތަކަށް ކަމަށް ޚަބަރުލިބެ އެވެ.

ލީބިޔާގެ ތެލުގެ އިންޑަސްޓްރީގެ 95 އިންސައްތަ ވަނީ ގައްޒާފީގެ ވެރިކަން ވައްޓާލަން މަސައްކަތްކުރާ އިދިކޮޅު ފަރާތްތަކުގެ ކޮންޓްރޯލްގެ ދަށުގައި ކަމަށް ޚަބަރު ލިބެއެވެ. (އަލްޖަޒީރާ)